

ދިވެހިރާއްޖެއިން ބާނާ ކަނޑުމަސް، ޗައިނާއިން ދަޅުގައި ބަންދުކޮށް، ފުރަތަމަ ސާމްޕަލް ބެޗު ތައްޔާރުކޮށް އަދި އެކަމަކީ ވަރަށް ބޮޑު "މޮޅެ" ކަމަށް މި ސަރުކާރުގެ ވެރިން ސިފަ ކުރާތީ އެކަމާއި ގިނަ ބަޔަކު ފާޑު ކިޔައިފި އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސް ދަޅުގައި ބަންދުކުރަން ފެށީ ޗައިނާގެ ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑުންނެވެ.
އެ ކުންފުންޏަށް މަރުހަބާ ވިދާޅުވެ، ޝިޔާމް ވަނީ މިއީ ޗައިނާ އާއި ރާއްޖޭން ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ކުރިއަށް އެޅުނު ކާމިޔާބު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މަހުގެ ބާވަތްތައް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް ވިއްކެ އެވެ.
އެކަމަކު މިއީ ރާއްޖެއަށް ފައިދާ ކުޑަ ގޮތެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު އެކްސްގައި ވިދާޅުވީ ޗައިނާ އިން ދަޅުގައި ބަންދުކޮށް، ލޭބަލް ޖަހައިގެން ދުނިޔޭގެ މާކެޓަށް ރާއްޖޭގެ މަސް ވިއްކުމަކީ އުފާކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިފްކޯއަށް ބޭރުގެ އޯޑަރެއް ނުލިބޭތާ އެތައް މަހެއްވެ، ދަޅު މަސް ނެރެނީ ހަމައެކަނި ރާއްޖޭގެ މާކެޓަށެވެ.
މަސް ފެކްޓްރީ ހިންގަނީ ގެއްލުމުގައި ކަމަށާއި މަހުގެ އަގުތައް ވެސް ދަށްވުމުގެ ސަބަބުން އޭގެ އުނދަގޫ މަސްވެރިންނަށް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.
އުމަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތަކެތި އުފެއްދުމާއި އޭގެ އަގުމަތި ކުރުމަށް ހިތްވަރު ދޭން ޖެހެ އެވެ. ހަމައެކަނި ރޯ ކަނޑުމަސް އެކްސްޕޯޓްކޮށް، އެހެން މީހުން އެއިން ބާވަތްތައް އުފައްދަން ފުރުސަތު ދޭ ނަމަ، ރާއްޖެ އޮންނާނީ ފަގީރު ގައުމެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
އެކްސްގައި ލޫކަސް ޖަލީލް ލިއެފައިވާ ގޮތުގައި މިކަން ކާމިޔާބީއަކަށް ވާނީ މިފްކޯގެ ފަސްމީރު މަސްދަޅު ޗައިނާއަށް އެކްސްޕޯޓުކޮށް ދުނިޔޭގެ ބާޒާރަށް ނެރުމުންނެވެ.
ޗައިނާގެ ސަރުކާރާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ)ގެ ދަށުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފުވެ އެވެ. އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފުވެ އެވެ.