

ތިނަދޫ ސިޓީ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ އެ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑް ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ދެ ބޭފުޅުންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިފައި އެދިފައި ވަނީ އެ ބޭފުޅުން ސަސްޕެންޑް ކުރުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި އެލްޖީއޭއިން އަޅާފައިވާ ފިޔަވަޅުތައް ބާތިލުކޮށް ދިނުމަށެވެ.
ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ގިނަ ޝަކުވާތަކެއް އެލްޖީއޭއަށް ހުށަހެޅުމާ ގުޅިގެން ކައުންސިލްގެ އިންކުއަރީއެއް އެލްޖީއޭ އިން ހެދީ މިދިޔަ މާޗް މަހު އެވެ. އެލްޖީއޭ އިން އެކުލަވާލި މިކަމާ ގުޅޭ ރިޕޯޓަށް ޖަވާބުދާރީވުމަށް ކައުންސިލަށް ހަތް ދުވަހުގެ ފުރުސަތުވެސް ދިނެވެ. ކައުންސިލުން ވަނީ އިންކުއަރީއަށް އޭރު ޖަވާބުވެސް ދީފަ އެވެ.
އެލްޖީއޭ އިން ބުނީ ތިނަދޫ ކައުންސިލާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރާއި މެމްބަރުން އަމަލުކޮށްފައިވާކަން ފާހަގަކޮށް އެލްޖީއޭގެ ރިޕޯޓްގައި ވަނީ 19 މައްސަލައެއްވެސް ހިމަނާފަ އެވެ.
މި އިންކުއަރީގެ ދަށުން ކައުންސިލްގެ މެންބަރުންނާއި އިދާރީ މުވައްޒަފުންގެ ބަޔާންތައް ނަގާފަވާނެ ކަމަށާއި މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ވެސް ހޯދާފައިވާނެ ކަމަށް އެލްޖީއޭއިން ބުނެފައި ވެ އެވެ.
އެލްޖީއޭއިން ދެން ނިންމާފައިވަނީ ތިނަދޫ ކައުންސިލްގެ ހަތަރު ކައުންސިލަރުންނަށް ނަސޭހަތްތެރިވުމަށާއި އެ ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި އިތުރަށް ލިބިފައިވާ ފައިސާ ދެ މަސް ތެރޭ ދެއްކުމަށް އެންގުމަށެވެ.
މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކުރަމުންދާ ސިޔާސީ ކަމެއް ކަމަށް މީގެކުރިން ތިނަދޫ މޭޔަރު ސައުދު ވަނީ ވިދާޅުވެފަ އެވެ.