March 29, 2026
Advertisement
ރައީސް ޔާމީން ވަނީ މިއަދު ރައްޔިތުންގެ އިތުބާރު ޖުޑިޝިއަރީ ގެއްލިފައިވާ ކަމަށް ވިދާޅުވެފައި
ރައީސް ޔާމީން ވަނީ މިއަދު ރައްޔިތުންގެ އިތުބާރު ޖުޑިޝިއަރީ ގެއްލިފައިވާ ކަމަށް ވިދާޅުވެފައި / އަވަސް.އެމްވީ

10 މީހުންގެ ތެރެއިން 9 މީހުންގެ އިތުބާރު އަދުލު އިންސާފަށް ނެތް: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jul 8, 2025, 09:04 PM
މާލެ ސިޓީ

މިއަދު ދިރާސާއެއް ކުރި ނަމަވެސް އެނގިގެން ދާނީ ރައްޔިތުންގެ ތެރެއިން ގިނަ މީހުންގެ އިތުބާރު އަދުލު އިންސާފުގެ ދާއިރާއަށް ނެތް މިންވަރު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނި އަދުލު އިންސާފުގެ ދާއިރާ މިނިވަންވާނެ ކަމަށް ވިދާޅުވެ ވަޑައިގެންނެވި، ރައީސް ޑރ މުހައްމަދު މުއިއްޒު ޖުޑިޝިއަރީއަށާ ފަނޑިޔާރު ގެތަކަށް އަތްބާނާ ނުފޫޒު ފޯރުވަމުން ގެންދަނީ އިންތިހާއަށް ކަމަށް ވިދާޅުވެ ނުރުހުމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، އަދުލުވެރިވުމުގައި އެންމެ މުހިއްމު އެއް ކަމަކީ އެމީހަކީ ގާނޫނު ދަންނަ މިހަކަށްވުން ކަމަށެވެ. ކޮންެމެ ތިން ފަނޑިޔާރަކުން އެއް ފަނޑިޔާރަކު ސުވަރުގެ ނުދެކޭނެ އޭ ބުނާއިރު އޭގެ ތެރެއިން އެއް ސިފައަކީ ނޭނގޭ ކަން ނޭނގި ހުރެ ހުކުމްކުރާ ކުރުން ކަމަށްވާއިރު އެފަދަ ފަނޑިޔާރުންނާ އަދި މައްސަލަތައް ކުރިއަށް ނުގެންގޮސް މީހުންގެ ހައްގުތަކަށް އަރައިގަތް ފަނޑިޔާރުން އިސް ފަނޑިޔާރުގެތައް އައްޔަންކުރަމުން ރައީސް މުއިއްޒު ގެންދަވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ފަނޑިޔާރުގެތަކަށް އަތް ނުބާނާނެ ކަމަށާ ޖުޑީޝިއަރީ މިނިވަންވީ ކަމަށް ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ ފަނޑިޔާރުގެތައް ހަލާކުކޮށްލާފައި ކަމަށެވެ. އަދި އެއީ އެމްޑީޕީއިން ގައުމުގައި ގާއިމުކުރަމުން އައި ސަގާފަތް ނެގެހެއްޓުން ކަމަށާ އެހެންކަމުން އެމްޑީޕީއިން އެ ވާހަކަތައް ނުދައްކާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް އެންމެ ފުރިހަމަކޮށް އެ ވާހަކަތައް ދައްކާނެ ދަރުބާރަކީ ޕީއެންއެފުގެ ޖަލްސާތައް ކަމަށާ ޕީއެންއެފުން އެ ވާހަކަތައް ފާހަގަކޮށް ރައްޔިތުންނަށް ކަންކަން ތިލަކޮށްދޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ ތެރެއިން ރައްޔިތުންގެ އެންމެ އިހުސާސުތަކާ ގުޅޭ ކަންތައްތަކުގެ ތެރޭގައި އަޅުގަޑަށް ގަބޫލުކުރެވެނީ އަދުލުވެރިކަމާ އެކީ ސަރުކާރުގެ ވަކިތަކުން ނެއްޓި އޮންނަ މިނިވަން އިންސާފު ކޮންމެ މީހަކަށް ދިމާވާ މައްސަލައިގައި ގާއިމުކޮށްދޭ ކޮށްދިނުން. މިއަދު މިތަނުން ނުކުމެވަޑައިގެން އެހިޔަސް 10 މީހުންގެ ތެރެއިން 9 މީހުން ބުނާނެ އަދުލުގެ އިންސާފުގެ ދާއިރާއަށް ތިމަންނަމެންގެ އިތުބާރެއް ނެތޭ.

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ، ދީނީ ތާޖު އަޅުއްވައިގެން ވަޑައިގެން ރައީސް މުއިއްޒު ގެންދަވަނީ ދީނީ އަސާސްތައް މުގުރާ ފަނޑިޔާރުންނަށް ވެސް ކަންކަމަށް މަޖްބޫރުކުރުވާ ވަކި ގޮތަކަށް ހުކުމު ކުރުވަމުން ކަމަށް ތުހުމަތުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved