

ބޭރަށް ހިންގުމާއި ހޮޑުލުމާއި އިންފްލުއެންޒާ އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 15 އިން މިމަހުގެ ފަސް ވަނަ ދުވަހާ ހަމައަށް، އޭގެ ކުރީ ހަފުތާތަކާ އަޅައިބަލާއިރު ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ރިޕޯޓް ކުރި މިންވަރު ވަނީ އިތުރުވެފައެވެ. އެ މުއްދަތުގައި ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
އޭގެ ތެރެއިން ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތަކަށް ބަލާއިރު މުޅި ރާއްޖެއިން، މިދިޔަ ހަފުތާގައި 1547 ކޭސް ރިޕޯޓުކޮށްފައިވާއިރު އޭގެ ކުރީ ހަފުތާގައި ދެ ބަލި ޖެހުނީ 1107 މީހުންނަށެވެ. އަދި، އޭގެ ކުރީ ހަފުތާގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ މައްސަލަ ދިމާވެގެން ފަރުވާ ހޯދީ 1109 މީހުންނެވެ.
އެ ތިން ހަފުތާގައި ރިކޯޑުކޮށްފައިވަނީ ޖުމްލަ 3763 ކޭސް ކަމަށްވާއިރު އޭގެ ތެރެއިން 2370 މީހުން ފަރުވާ ހޯދީ މާލެ ސަރަހައްދުންނެވެ.
އެޗްޕީއޭއިން ބުނީ، މި އަހަރުގެ މެއި މަހުން ފެށިގެން އިންފްލުއެންޒާ ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށާއި އިންފްލުއެންޒާ ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ.
އެ ބަލީގެ ކޭސްތަކަށް ބަލާއިރު، މިދިޔަ މަހުގެ 15އިން 21އަށް 45 ކޭސް ރިޕޯޓުކުރިއިރު އޭގެ ޖެހިގެން އައި ހަފުތާގައި އެ އަދަދު ވަނީ 86އަށް އިތުރުވެފައެވެ. އަދި، މިދިޔަ ހަފުތާގައި އެކަނި ވެސް އިންފްލުއެންޒާ ޖެހިގެން 108 މީހުން ފަރުވާ ހޯދައިފައިވެއެވެ.
އެ ތިން ހަފުތާގައި 239 މީހުންނަށް އިންފްލުއެންޒާ ޖެހުނުއިރު އޭގެ ތެރެއިން 85 ޕަސެންޓު ކަމަށްވާ، 228 ކޭސް ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.
އެޗްޕީއޭއިން ބުނީ ބޭރަށް ހިންގާނަމަ ގިނަގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުން ކުރުމަށެވެ. އަދި ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން، ފާހާނަ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނެޓައިޒް ކުރުމަށެވެ.
އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމަށް އެޅުން މުހިންމު ފިޔަވަޅުތަކުގެ ގޮތުގައި އަރިދަފުސް ރޯގާޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުން ފާހަގަކޮށްފައިވެއެވެ. އަދި ރޯގާ ޖެހި ކެއްސާ ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން އަލާމަތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ސްކޫލަށް ނުފޮނުވައި، މަސައްކަތަށް ނުނިކުމެ ގޭގައި އަރާމު ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.