theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޒިންމާދާރު ނޫން ވެރިންގެ ސަބަބުން ގައުމު ހަނާވެ ފަނާވޭ! / ތޭރަގްރެފިކްސް
ރިޕޯޓު
ޒިންމާދާރު ނޫން ވެރިންގެ ސަބަބުން ގައުމު ހަނާވެ ފަނާވޭ!
Mariyam Isaadha
މަރިޔަމް އިސާދާ
09 ޖުލައި 2025
މާލެ ސިޓީ

ވެރިކަމަކީ ރައްޔިތުން އެ ވެރިއަކަށް ހަވާލުކުރާ ނުހަނު ބޮޑު އަމާނާތެކެވެ. އެއީ އެ ވެރިއަކަށް ނުހަނު އިތުބާރުކޮށް މުޅި ގައުމު އެމީހެއްގެ މައްޗަށް ރައްޔިތުން ދީއްލަލަނީ ގެންނަ ރިޔާސީ މެނިފެސްޓޯއަށް ނުހަނު އިތުބާރުކޮށްފައެވެ. ގައުމާ ރައްޔިތުންނަށް ދުވަހަކުވެސް ބޭވަފާތެރިވެ ޚިޔާނާތްތެރިނުވާނެ ކަމުގެ ނުހަނު ފޮނި ހުވަފެން ދެކެމުންނެވެ. މިހާރުވެސް މިއޮތީ އެފަދައިން ރައްޔިތުން އިތުބާރުކޮށް ގެނައި ވެރިކަމެކެވެ. ނަމަވެސް ވެރިކަމަށް 19 މަސްވެގެންދާއިރު ފެންނަނީ ނިކަން ގައިރު ޒިންމާދާރު ވެރިކަމެކެވެ.

ރައްޔިތުންނަށްވީ ވައުދުތަކަށް ޚިޔާނާތްތެރިވެ ރައްޔިތުންނަސް ދޮގުތައް އިންތިހާއަށް ހަދަމުން ދަތުރުކުރަނީ މުޅި ދުނިޔޭގައި އެ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. ނުހަނު ބޮޑު ދަރަންޏެއް އޮވެގެން ގައުމަށް ތަރައްގީ ނުގެނިވިގެނީއެވެ. ނަމަވެސް ދުނިޔެ ވަށާ ބުރު ޖަހަން މުޅި ދައުލަތް ސޫޓާ ބޫޓާ ލައިގެން އުދުހެނީއެވެ. ގައުމަކަށް އެކަމުން ވާ ނަފާއެއް މަންފާއެއް ނެތެވެ. ޚަރަދުވަނީ ދައުލަތުގެ ޚަޒާނާގައި ބާކީ އޮތް ބޭރު ފައިސާ ކޮޅެެވެ. ނަމަވެސް ބޭރު ފައިސާ ނުވަންނަ މައްސަލައިގަެ ޒިންމާވެސް ރައްޔިތުން އުފުލަން ޖެއްސުވީ ދިވެހީންގެ ބޭންކު މެދުވެރިކޮށެވެ.

ދައުލަތުގެ ކުންފުނިތައް ލޫޓުވާ މަޖިލީހުގެ މެމްބަރުން ރުއްސަން އެމީހުންގެ ޖީބުތައް ބަރާކުރަން ފައިސާ ކުލަ ކުލައިގެ ދަބަސްތަކުގައި ރައީސް މުއިއްޒުގެ ގެކޮޅުން ނެރޭ މަންޒަރު ފެނެއެވެ. އެމަނިކުފާނު ވިދާޅުވަނީ އެގެއިން އެކި ކުލަކުލައިގެ ދަބަސްތައް ނުކުންނާނެ ކަމަށެވެ. ވެރިކަމަށް އައުމަށް ދެއްކި ހުސް ގޮނޑިއާ ފޮޓޯގެ ވެރިމީހާއަށް ދިނީ ފެނު ކައްކާ ބޮލީގެ އިއްޒަތެވެ.

ބިއްލޫރި ޓަނަލްއާ ރާޖޫ މާލެއާ މިހެން ގޮސް ކެނޑިއްޔާ ކެނޑިހާ ބައިސާއެއް ބިރު ކުޑަ އަލީގެ ސަޅި ބައިސާއަށްވީއިރު ފިލްމު ޑައިރެކްޓަރަކަށް މިހުންނެވީ އެއްކަލަ އުނދޯލީގައި އައްޔައާ އެކު އިން ޚަލީލެވެ. ރައްޔިތުންގެ އިޖްތިމާއީ ސްކީމުން ތިމާ ޕްރޮމޯޓުވާން ޓީވީ ހަދާ ރައްޔިތުން ބިކަކުރީ ރޯމާ ދުވާލުއެވެ. ޔުރަޕުން ގެންނަން އަބާމެންދުރު ދެއްކި ބޭސްތައް ގެންނަ ހަވާލުކުރީ އިންޑިއާ ބަލް ރާޖް އަކާއެވެ. މީ ހުސް ރައީސް މުއިއްޒު ރައްޔިތުންނަށް ހެދި ދޮގެވެ. މިވާހަކަ ދައްކާ އަދި ލިޔާ ކޮންމެ މީހަކީ ޒިންމާދާރުކަމެއް ނެތް، ތިމާއާ ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ މީހަކުކަމުގައި ލޭބަލްކުރުމަކީ ވެސް ޒިންމާދާރު ވެރިއެއްގެ ސިފައެއް ނޫނެވެ.

ރައީސް މުއިއްޒު ހިތާނުވާ ނުވަތަ ގަޔާނުވާ ވާހަކަ ލިޔާ ލިޔުންތެރިންނަކީ ޒިންމާދާރުނޫން ބައެއްގެ ގޮތުގައި ލޭބަލްކުރިއަށް ގައުމުދެކެ ލޯބިވާ ލިޔުންތެރިން އެ ވާހަކަ ލިޔާނެއެވެ. ތިލަކުރާނެއެވެ. އެއީ ޒިންމާދާރުވުމެވެ. ޒިންމާދާރު ލިޔުންތެރިކަމަކީ ޒިންމާދާރު ނޫން ވެރިއަކު ގައުމު ހަނާ ކޮށް ފަނާކުރާއިރުވެސް ސަނާ ކިޔަން ތިބުމެއް ނޫނެވެ. ފެންނަ ލޯ ނުފެންނަ ލޮލަށް ހަދާ ޖީބު ބަރާކުރުމެއް ނޫނެވެ.

މާތް ރަސްކަލާނގެ ރަސްކަންފުޅު ގަންދީ ހުވާކޮށްގެންހުރެ މުއިއްޒު އަމާނާތްތަކަށް ހިޔާނަތްތެރިވާ ވާހަކަ ލިޔުނީމާ އެވަހަކަ ލިޔާ ގަލަންތަކުގައި ދޯރި ޖައްސަން އުޅުނަސް އެކަމެއް ނުވާނެއެވެ.

މުއިއްޒާއި މުއިއްޒުގެ އައުވާނުން ރޯމާދުވާލު ހިންގަމުންދާ ބޮޑެތި ޖަރީމާތަކުގެ ވަހަކަ ހުއްޓާނުލާ ނުލިޔެވޭނަމަ ހަކުރާ ޖަހައިގެން ކާ ގަބުޅި ފޮއްޗެއްހެން ގައުމު ކައި ހުސްކޮށްލާކަށް ލަހެއް ފަހެއް ނުވާނެއެވެ.

ޒިންމާދާރު ލިޔުންތެރިކަމަކީ އެޅިހާ ބަތަކަށް ރިހަވެގެން ތިބުންކަމުގައި ރައީސް މުއިއްޒަށް ހީފުޅުވީ ނަމަވެސް ޒިންމާދާރުނޫން ތިޔަފަދަ ވެރިންގެ ސަބަބުން ގައުމު ހަނާވެ ފަނާވެ ވިއްސި ވިހާލިވެގެންދާ ވާހަކަ ޒިންމާދާރު ލިޔުންތެރިން ފަސްޖެހުމެއް ނެތި ލިޔާނެއެވެ. އެހެނީ ތިޔަ ފަދަ ޒިންމާދާރު ނޫން ވެރިންގެ ސަބަބުން ގައުމު ހަނާވެ ފަނާވެ އަތު ނުޖެހޭ ހިސާބަށް ގޮސްދާނެތީއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved