

މުއިއްޒުއަށް ވެރިކަން ލިބިއްޖެ އެވެ. އެއަށްފަހު ދެން ވަމުންދާ ގޮތް ދިވެހިން އުޅޭ ކޮންމެ ރަށެއްގެ ހުރި ހޮޅު އަށިތަކުން އެހުރީ ލައިވް ވާށެވެ. މަންޒަރާ އަޑާ ކުލަ ވެސް އެހާ ސާފެވެ. ވެރިކަން ހޯދުމަށް ދެއްކި ވާހަކަތަކާއި އަދި ވެރިކަމުގައި ބަގުޑި ބަނދެ ދައްކަމުން އަންނަ ވާހަކަތައް ވެސް ވަރަށް ސާފެވެ. ރައްޔިތުން މިއަދު ތިބީ އެމަންޒަރު ބަލާށެވެ. ނަަމަވެސް ބަރު ހިތަކައިގެން ނެވެ.
މުއިއްޒުއަށް ވެރިކަން ލިބިއްޖެ އެވެ. މިހާރު ދައްކަމުންދާ ވާހަކަތައް އެއްދަރު މައްޗަށް ވަނީ އުފުލިފަ އެވެ. އެއީ ދެން ދުވަހަކު ވެސް ތިރިނުވާނެ ކަމަށް ދެކެ އެވެ. ވެރިކަަމަށް އެރީވެސް ދެން ތިރި ނުވާން ނުވަތަ ނުފައިބާން ހިތުލައިގަނޭ ބުނާފަދަ އަޑުތައްވެސް އިވޭލެއް މަދެއް ނޫނެވެ.
މުއިއްޒުއަށް ވެރިކަން ލިބިއްޖެ އެވެ. މި ނޫނީ ވެރިކަމަށް މިފަހުން ހުވާކުރި ވެރިއަކު ނެތް ފަދަ އެވެ. ފުރަތަވެސް ހުވާކޮށް ދިރުމެއް ނެތް އެއްޗަކަށް އިޝާރާތް ކޮށް ދިވެހިންނަށް ފުރަގަސްދީ ހެއްދީ ހުސް ދޮގުކަން ކުރިން ބުނި ހޮޅުއަށިތަކުން އެހުރީ މަންޒަރު ފެންނާށެވެ. ރެކޯޑް ކުރެވިފައި އެވެ. ދިވެހިންގެ ސިޔާސީ އާކައިވްގައި އެހުރީ ރައްކާކުރެވިފަ އެވެ.
މުއިއްޒއަށް ވެރިކަން ލިބިއްޖެ އެވެ. ކުރިން ވެރިއަކު ނުކުރައްވާ ވަރަށް ފުރަތަމަ 19 މަހުގައި ބޭރަށް ދަތުރުކޮށްފި އެވެ. ދިވެހިންނަށް ލިބުނު އެއްޗެއް ދިވެހި އިގްތިސޯދުގެ ކަންވާރަށް ޖެހި ތިއްކެއް ނެތެވެ. މުޅިން ވެސް އޮތީ ދާކޮޅެވެ. ހުސްވާ ކޮޅެވެ. ލިބުނަސް ލިބޭކޮޅު ވަނީ ސިއްރުކުރެވި ވަންހަނާ ކުރެވިފައި އެވެ. ގައުމީ ސަލާމަތޭ ބުނެ އެވެ. ބޭރު ދަތުރުގެ ހަރަދުން "ރަގަ" އެއްވެސް ހަމަ ނުވެ އެވެ. އަމިއްލަ އަށް ކިޔާ ހުކުން ވެސް އަޅަނީ މީހަކު ބުނިއްޔާ އެވެ.
މުއިއްޒުއަށް ވެރިކަން ލިބިއްޖެ އެވެ. ވެރިކަމުގެ ފެށުނު ކޮޅު ދެއްކި ވާހަކަތައް ދިޔައީ ޖަމަލުޖެހި ފޮޑި އަށެވެ. ލައްކަ ވާހަކަ ދެއްކި އެވެ. އެހުރީ ހާ ވާހަކައެއް ދިޔައީ ފަނުފުލުން ނެވެ. މައްޗައް ނާރާނެ ކަމަށް ބުނި އެތިވެސް ދިޔައީ މައްޗަށެވެ. ތިރިވާނެ ކަމަށް ބުނި ނަމަވެސް ތިރި ވެސް ނުވި އެވެ. ފަހުން ގޮތް ގޮތް ހަދައިގެން ވިޔަފާރިވެރިން ފެލައިގެން ވެސް ތިރިިއެއް ނުވި އެވެ. ދަނީ މައްޗަށެވެ. ދެރައެވެ. ކިތަންމެ ހާވެސް ދެރަ އެވެ. ކީހާ ޅެންތަކުން ފަރުވާ ނުލިބުނީ އެވެ. ވެރިކަން ލިބުމުން މުއިއްޒު ހިއްމައްޗަށް އެރި ފަދައިން ޑޮލަރުގެ އަގުވެސް ދިޔައީ އަދި ދަނީ ވެސް މައްޗަށެވެ. ތިމާގެ ހިތް ތިރި ނުވުމުން ޑޮލަރު ވެސް ތިރި ނުވީތާ އެވެ.
އާއެކެވެ، މިފަދަ ކިތަންމެ ޝުއޫރެއް ދިވެހި ރައްޔިތުންގެ ސިނަމާގައި އެބަ އަޅުވަ އެވެ. އަންނަ އިންތިހާބަށް އަޅުވާނެ ފިލްމުތަކާއި ރައްޔިތުން ގަޔާނުވުމުން ފްލޮޕް ވާނެ ފިލްމް ތައް ވެސް ހުންނާނެ އެވެ. އެފަދަ އެއް ފިލްމަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޑައިރެކްޓް ކުރާ ފިނޭންސް މިނިސްޓަރު ޕްރޮޑިއުސްކުރާ އަދި މަރުކަޒީ ބޭންކް އެމްއެމްއޭ ހައުސްއިން އަލަށް ނެރޭ ހިންދީ ފިލްމް "މުއިއްޒު ދަނީ ވެއްޓެމުން، ޑޮލަރު ދަނީ އަރަމުން..!" މި ފިލްމެވެ.
މި ފިލްމުން ރާއްޖޭގެ މިއަދުގެ ސިޔާސީ ހަގީގަތް ކަމުގައިވާ މުއިއްޒު އާއި އޭނާގެ ސިޔާސީ ބޮޓުން "ވެއްޓޭ" މަންޒަރު ނިކަން ރަނގަޅަށް ފެނިގެން ދާނެ އެވެ. ނަމަވެސް މި ފިލްމުގައި ވެސް މުއިއްޒުގެ އެކްޓިން ކިތައްމެ ރަގަނޅަށް ދެއްކި ނަމަވެސް ޑޮލަރުގެ އަގު ދާނީ ހުއްޓުމެއް ނެތި "އަރަމުން" ނެވެ.
ދިވެހި ސިޔާސީ ސިނަމާގައި އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ޕްރިމިއާ ކުރާ ފިލްމް "މުއިއްޒު ދަނީ ވެއްޓެމުން، ޑޮލަރު ދަނީ އަރަމުން..!" އަށް ޕްރިމިއާ ނައިޓަށް ދައުވަތު ފޮނުވަމެވެ. މީ މުއިއްޒުގެ ބޮޓުންނަށް އޭނާގެ ފިލްމެއް ބަލާލަން ލިބޭނެ ފުރަތަމަ އަދި ފަހު ފަހަރެވެ.