

މައްޗަށް ނުދާނެ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރިފިޔާ ހުރަސް ކޮށްފި އެވެ.
ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ. އެވެ. މިއަދު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ އެ ރޭޓަށްވުރެ 4.48ރ. ބޮޑުކޮށެވެ.
ޑޮލަރު މާރުކުރާ ގްރޫޕުތަކުން ދައްކާ ގޮތުގައި މިއަދު ޑޮލަރެއް ލިބެން ހުރީ 20.20ރ. އަށެވެ. އަދި ކުރިއަށް އޮތީ ރާއްޖޭގެ ޓޫރިޒަމްގެ އޮފް މާކެޓް ކަމުން ޑޮލަރުގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ އަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހެ އެވެ.
ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ ތެރެއިން މިހާރު އެމްއެމްއޭއަށް ވިއްކަން ބޭންކުތަކަށް މަޖުބޫރުކޮށްފައި ވަނީ %60 އެވެ.
ނަމަވެސް މި ފަދައިން ދައުލަތަށް ނުވަތަ އެމްއެމްއޭ އަށް ވަންނަ ޑޮލަރަށް ވާ ގޮތުގެ ސާފު ލިޔެކިޔުމެއް ސަރުކާރުން އާންމު ނުކުރާތީވެ ޓޫރިޒަމް ވިޔަފާރިން ލިބޭ ޑޮލަރުގެ އަދަދު ތައް ވެސް ސާފެއް ނުވެ އެވެ.
ޑޮލަރުގެ އަގު އުފުލެމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ދަށްވަމުން ގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނީ 2027 ގައި ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވާން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ޑޮލަރުގެ މައްސަލަ އަށް އޮތް އެއް ހައްލެއް ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތްތަކުން އަންނަނީ އެމްއެމްއޭގެ ގަވަރުނަރު ހިމެނޭހެން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވަމުން ނެވެ.