March 19, 2026
Advertisement
އޭސީސީގެ ރައީސް
އޭސީސީގެ ރައީސް / މިހާރު

ސޯލިހްގެ ސަރުކާރުގެ ބައެއް ވެރީން ނާޖާއިޒު މަންފާ ހޯދި މައްސަލަތަކެއް އެބަ ބަލަން: އޭސީސީ

Mariyam Isaadha
މަރިޔަމް އިސާދާ
Feb 23, 2024, 02:40 PM

ކުރީ ސަރުކާރުގެ ބައެއް ވެރީންގެ މައްސަލަތައް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

Advertisement

އެ ކޮމިޝަނުން މިކަން ހާމަކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ބައެއް އިސްވެރީންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ގުޅުން ހުރި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް އޭސީސީން ބަލަމުންދާ ކަމުގެ ޚަބަރު ފެންމަތިވެފައި ވަނިކޮށެވެ.

އެގޮތުން ޗެނަލް13އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ރައީސް އިބްރާހިމުގެ ސަރުކާރުގައި ހިންގާފައިވާ 120 މިލިއަނަށް ވުރެ ގިނަ ފައިސާގެ ހިޔާނާތުގެ މައްސަލައެކެވެ. އެ މައްސަލަތައް ނިސްބަތް ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ކުރީގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލު ދީނަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރަކަށް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މި ކަބަރު ފެތުރިފައިވަނިކޮށް މީޑިއާތަކަށް ކޮމިޝަނުން ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ކުރީ ސަރުކާރުގެ ބައެއް ވެރީންނާއި ގުޅުންހުރި މައްސަލަތަކެއް ބަލަމުންދާ ކަމަށެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާ ކަމަށް ބުނާ މައްސަލަތަކެއް ކަމަށް ވެސް ބުންޏެވެ.

"ސިޔާސީ މަގާމުތަކުގައި ކުރީގައި ތިއްބެވި ބައެއް މީހުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސަރުކާރުގެ ބައެއް ކުންފުނިތައް މެދުވެރިކޮށް ނާޖާއިޒު ގޮތުގައި މަންފާ ހޯދާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް ބަލަމުންދާ ވާހަކަ ދަންނަވަން،" އިތުރު ތަފްސީލެއް ނުދީ އޭސީސީން ބުންޏެވެ.

މި މެސެޖާއި ގުޅިގެން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އޭސީސީން އިތުރު ތަފްސީލެއް ނުދެއެވެ.

އެ ކޮމިޝަން އެ މައްސަލަ ބަލަން ފަށައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަކަށް މެންބަރުން ހޮވުމަށް އަންނަ މާޗު މަހުގެ 17ގައި އިންތިޚާބުގައި ބާއްވަން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

އެ އިންތިޚާބަށް، މި ދައުރުގެ މެންބަރުންނާއި ކުރިން މެންބަރުކަން ކުރައްވާފައިވާ ގިނަ އަދަދެއްގެ ބޭފުޅުން ވެސް ކުރިމަތިލައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved