ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ނުކުރެވިގެން އުޅެނީ މަތިބަރު ސަރުކާރެއް އޮތުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ތާއީދާއެކު ރައްޔިތުން މަޖިލީސް އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާ އަށް ވާދަކުރައްވާ ކެނޑިޑޭޓު ނާއިފް ޝައުކަތް ވިދާޅުވެއްޖެއެވެ.
ނާއިފް މިފަދައިން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސް އިން ބުރާސްފަތި ދުވަހުގެ ރޭ ގެނަސްދިން މަޖިލިސް ބަހުސް ގައި ވާހަކަ ދައްކަވަމުންނެވެ.
ނާއިފް ވިދާޅުވީ މަތިބަރު ސަރުކާރެއް އޮތުމުުން ސިވިލް ސާވިސް މުވައްޒަފުންގެ މުޒާރަ ބޮޑު ކުރުމަށް އުނދަގޫ ތަކާ ކުރިމަތި ވާނެ ކަމަށާއި މިއަދު ފެނިގެން މިދަނީ އެމަންޒަރު ކަމަށެވެ.
މަތިބަރު ސަރުކާރެއް އޮތިއްޔާ ސިވިލް ސާވިސް މުވައްޒަފުންނަށް ނުވަތަ އާދައިގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ތަންކޮޅެއް އުނދަގޫވާނެ ހެން ހީވަނީ. މިހާރު މި ފެންނަނީ އެ މަންޒަރު. ވަރަށް މަތިބަރު ސަރުކާރެއް އޮވެގެން މުސާރަ ބޮޑު ނުކުރެވިގެން އެ އަންނަނީ
މީގެ އިތުރުން ނާއިފް ވިދާޅުވީ ގާނޫނުތައްވެސް ތަންފީޒު ނުކުރެވިގެން ދަނީ ސަރުކާރުގައި ކޮރަޕްޝަން ބޮޑުވީމަ ކަމަށެވެ.
ނާއިފް ވިދާޅުވީ މިފަދައިން އަމަލު ހިންގަން އެބޭފުޅާ ފުރުސަތު ނުދޭނެ ކަމަށާއި ގާނޫނުތައް ތަންފީޒު ނުކުރާނަމަ އެކަމާ ގުޅުން ހުރި ފަރާއްތަކާ ސުވާލުވެސް ކުރާނެ ކަމަށްވަނީ ވިދާޅުވެފައެވެ.