

ގައުމުގެ މިއަދު ހާލަތާ މެދު ވިސްނާ ގައުމު ސަލާމަތް ކުރަން ޒުވާނުން ތެދުވަން ވެއްޖެ ކަމަށް ހައުސިން މިނިސްތްރީގެ ކުރިގެ ނައިބު އަދި ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވި ނާއިފް ޝައުކަތު ވިދާޅުވެއްޖެއެވެ.
ޗެނަލް13ގެ ނިއުސްޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާއިފު ވިދާޅުވީ، މިއަދު ގައުމުގެ ހާލަތު އޮތީ ގޯހުން ގޯހަށް ގޮސްފައި ކަމަށާ ގައުމު ހަމަމަގަށް އަޅުވަން ވެރިން ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށެވެ.
ގައުމުގައި ހިނގަމުން ދަނ ކޮރަޕްޝަންގެ ބޮޑެތި ޚިޔާނާތްތައް ކަމަށާ އެހެންކަމުން ރައްޔިތުންގެ ޚަޒާނާ ދޮވެ ސާފުކުރަން ވެރިންނަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް ނާއިފު ވިދާޅުވިއެވެ.
ނާއިފު އިތުރަށް ވިދާޅުވީ މިކަންކަން ހަމަމަގަށް އެޅުވޭނީ ގައުމުގެ މައި ބަދަ ކަމުގައިވާ ޒުވާނުން ގައުމާ މެދު ވިސްނާ ފިކުރުކޮށް ގައުމުގެ ހައްގުގައި ބަސްބުނެ ވެރިން ޒިންމާދާރު ކުރުވަން ތެދުވެގެން ކަމަށެވެ.
ނާއިފު އިތުރަށް ވިދާޅުވީ، ކުރިން ހައުސިން މިނިސްޓަރުކަން ކުރައްވާ ހުންނެވި ބޭފުލެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަން ހުރި މިންވަރު ރައީސް ޑރ މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށާ ނަމަވެސް ގެދޮރުވެރިޔާ ފްލެޓުތަކުގެ އެއްބަސްވުމަށް ބަދަލު ގެނެސް ރައީސް މުއިއްޒު ވަނީ އެ ރައްޔިތުންނަށްވީ ވައުދާ ޚިލާފުވެފައިކަމަށެވެ.