މާލޭ ސިޓީގެ ރައްޔިތުން ކައިރިއަށް މިހާރު އެ ސިޓީގެ މޭޔަރ އާދަމް އާޒިމް އަންނަން ވާނީ ކުރިގެ މޭޔަރ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރުގެ ކަންކަން އޮޑިޓުކުރުމަށް ފަހު ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެނެޓަރ ނާއިފު ޝައިކަތު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާއިފު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މިހާރުގެ މޭޔަރު ވާދަކުރައްވަން ކުފޫ ހަމަވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުއިއްޒު، މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު މާލެ ސިޓީ ކައުންސިލް ތެރެއިން ހިންގާފައި ހުރި ކޮރަޕްޝަންގެ ކަންކަން އޮޑިޓުކުރުމުން ކަމަށެވެ.
Male’ Raulyyithun kairi ah Adam Azim annan jeheynee muiz mayor kamuga huri dhuvas thakuge Audit Koh nimmumah fahu. Ekan kuran nukerenyaamun mayor ah kufoo hama nuvey! pic.twitter.com/OUbXBuK6HB
— Mr. Naif Shaukath 🇲🇻 -v- (@naifshaukath) November 10, 2025
މި ޕޯސްޓާ ގުޅިގެން ޗެނަލް13 އިން ނާއިފްއާ ސުވާލުކުރުމުން ވިދާޅުވެފައިވަނީ، އާޒިމްއާ ޒާތީކަމެއް އޮތީ ނޫން ކަމަށާ ނަމަވެސް ސިޓީ ކައުންސިލް އޮޑިޓު ނުކުރެވިގެން އުޅޭ ސަބަބު އާޒިމް ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށެވެ. މީގެ އިތުރުން ސިޓީ ކައުންސިލްގެ ސިވިލް ސާވިސް މުވައްޒަފުން ޕީއެންސީގެ ޖަލްސާ ޕްރޮމޯޓުކުރުމަށް ކާޑު ބަހަން ނެރުމުން އާޒިމްގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށްވެސް ނާއިފު ވިދާޅުވިއެވެ.
ނާއިފު މިފަދައިން ވިދާޅުވެފައިވާއިރު، މިހާރުގެ މޭޔަރު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ. އޭނާއާ ވާދަކުރާނީ އަލީ އާޒިމްއެވެ.
މާލެ ސިޓީ ކައުންސިލްގެ އޮޑިޓެއް ނުހިންގާތީ ހިތްހަމަ ނުޖެހުން ފާޅުކުރަމުން ރައްޔިތުން ގެންދާއިރު، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި އެކި އެކި ޖަރީމާތައް އެތަނުގައި ހިންގާފައިވާކަމުގެ އަޑުތައް ގަދަވެފައިވެއެވެ. އެގޮތުން ޕާކިން ސްލޮޓުތައްވެސް ބިޑަކާ ނުލާ ފައިސާގެ ބޮޑެތި އަދަދުތައް ރިޝްވަތުގެ ގޮތުގައި ނަންގަވައިގެން ދޫކޮށްފައިވާކަމުގެ ތުހުމަތު އަމާޒުވެފައިވެއެވެ. އަދި ހިންގާފައިވާ ޖަރީމާތައް ހިންދާލުމަށް ގްރީން ބިލްޑިން މި ސަރުކާރުން އަންދާލިކަމުގެ ތުހުމަތުތައްވެސް ރައްޔިތުން އަމާޒުކުރަމުން ގެންދެއެވެ.