

މާޒީވެ ދިޔަހާ ތަނުން ހާސިލްވަނީ އިބްރަތެވެ. މިއީ ޝާއިރަކު އޭނާގެ ޅެމުގައި ބަޔާން ކުރި ވާހަކައެއް އެކަންޏެއް ނޫނެވެ. އެއީ ދިރިއުޅުން ވެސް ދައްކާ ހަގީގަތެކެވެ. މާޒީއިން އިބްރަތް ހާސިލްކޮށް މުސްތަގުބަލު ބިނާކުރުމަކީ ބުއްދިވެރިންގެ ހަމައެކެވެ. އެކަން ބޮލު ރޮދިންނަށް ނޭނގޭނެއެވެ.
މިމަހުގެ 11 ވަނަ ދުވަހުގެރޭ މި ސަރުކާރުގެ ޔޫތު އެޑްވައިޒަރު، ސަރުކާރުގެ ބޮޑުންތަކެއް އަޑީގައި ތިބެގެން ހިންގާ ޓީވީއަކަށް އަރާ އިނދެ ނިކަން ހަރު އަޑުން ވިދާޅުވިއެވެ. ރައީސް ޔާމީން ދެން އަނބުރާ އަލުން ސިޔާސީ މައިދާނަށް ނިކުންނަން އެއްވެސް ބަޔަކު ޖާގަ ނުދޭނެއެވެ. މިހާ ހިސާބުން މިވެރިންގެ މަކަރުވެރި ރޭވުން ފަޅާއެރީތާއެވެ. މިމީހުން ޖުޑިޝިއަރީއަށް އަތް ނުބާނަމޭ ބުންޏަސް ރައީސް ޔާމީންއާ މެދު ކަން ކުރަންވީ ގޮތް މާކުރިން ރާވާ ސިއްކަ ޖަހާފައި އޮތްކަން ބޭޒާރުވީތާއެވެ.
ބަޔަކު ކިތަންމެ މޮޅަށް ރޭވިއަސް ﷲ ތައާލާގެ ރޭވުން މާ ފުރިހަމަ ވާނެކަން މިވަރުންވެސް މިމީހުންނަށް ނޭގުނީތީ ހައިރާންވެއެވެ. އެބައިމީހުން ސިއްރުން ރާވާ ތަދުބީރުކުރިއަސް ތަގުދީރުގައި ނެތްކަމެއް ނުވާނެއެވެ.
ޝާއިރުވެސް ބުނެފައި އޮވެއެވެ. "ނެތްކަމެއް ތަގުދީރުގައި ވާކަށް ނުވެސް އޮންނާނެއޭ، އެއްކަމެއް ވެސް ނުހިނގައޭ ތަދުބީރު ކުރެވި ރޭވި ޕްލޭނަކުން" އެވެ.
ކޮންމެ އަކަސް ބުޅާ ގޯނިން ބޭރުވެ ރައީސް މުއިއްޒުގެ ހިޔަޅުވެރިކަން މުޅި ގައުމަށް ހާމަވެގެން ދިއުމާ އެކު ގިނަ ބައެއްގެ ނުުރުހުން ސަރުކާރަށް އަމާޒުވިއެވެ. މަކަރާ ހިލާތުން ރައީސް ޔާމީން ހުރަގެއަށް ލާން މިވެރިން ރޭވި ރޭވުން ހާމަކޮށްދިން ކަމަށްޓަކައި ﷲއަށް ޝުކުރު އަދާވެސް ކުރިއެވެ.
ކޮންމެ އަކަސް ނަރީޝު އެރޭ ދޫއޮޅިގެން ނަމަވެސް ނުވަތަ ގަޓު ވާންވެގެން ނަމަވެސް ޓީވީގައި ދެއްކި ވާހަކަތަކާއެކު ހިތަށް އެރީ ހަމަ އެންމެ ވާހަކައެވެ. މިހެން ފޮނު އަރުވަމުން މީގެ ކުރިންވެސް ޒުވާނަކު ނިކަން އަޑު ގަދަ ކޮށްކޮށްފައި ޕޯޑިއަމްތަކަށާ ޕޮޑްކާސްޓުތަކަށް އަރާވެސް ރައީސް ޔާމީންއަކީ މީހެއް ނޫން ކަމަށް ދައްކަން މަސައްކަތްކުރިއެވެ.
އާދޭހެެވެ. މި ދައްކަނީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމު ފައިސަލްގެ ވާހަކައެވެ.
"ރައީސް ޔާމީން ހިނި އަޔަސް، ރުޅި އަޔަސް، ތުރުތުރު އެޅިޔަސް މިއަދު ރައީސް ޔާމީން އެހުރީ ސިޔާސީ މައިދާނުން އެކަހެރިކޮށްފަ" މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި، ބައްޕާފުޅު ފަންޑު ކުރާ ނޫހެއް ކަމަށް އަޑު ގަދަވެފައި އޮންނަ "ދެން" ނޫހަށް އިބްރާހިމު ފައިސަލް ޕޮޑްކާސްޓުގައި ބުނި ބުނުމެކެވެ.
އޭގެ 5 މަހާ ދިހަ ދުވަސް ފަހުން ފެނިގެން މިދިޔައީ ރައީސް މުހައްމަދު މުއިއްޒު، ސަބަބެއް ވެސް ވިދާޅުނުވެ ފައިސަލް މަގާމުން ވަކިކުރި މަންޒަރެވެ. ރައީސް މުއިއްޒުގެ ސަރުކާރު ދިފާއު ކުރުމުގައި މުޅި އާއިލާއިން ޖާނާ މާލުން ގުރުބާންވުމުން ބަދަލުގައި ތެޔޮ ހަމެއް ދިނެވެ.
އެދުވަހު ފައިސަލް ރައީސް ޔާމީނަށް ކީ އެއްޗެހި ފަހުން ނިސްބަތްކުރަން މިޖެހުނީ ރައީސް މުއިއްޒަށެވެ. ވެރިކަމަށް އައުމަށް ތައުލީމެއް ނެތް އަބްދުއްރަހީމުގެ ބޭނުންކޮށް ފަހުން ރައީސް ޔާމީން އެ އާއިލާ އެއްލާލީ ކަމަށް ބުނި ބުނުން އަރާ ހަމަކުރި މި ސަރުކާރާއެވެ. ރައީސް މުއިއްޒުއާއެވެ.
އަދުރޭއާ މުޅި އާއިލާ ނިކުމެ ލާމުން ހޯދާދިން އަޣްލަބިއްޔަތާ އެކު ވެރިކަމަށް ރައީސް މުއިއްޒަށް އާދެވި ހިންދަމާ ލެވުމުން އަދުރޭގެ އާއިލާއަށް ފެން ދީފައި ކަތިލީއެވެ. ގަޔަށް ހޫނެއް ނުކައި ޕާޓީއެއް ހިތަކަށް ލިބުމުން އެންމެ ގާތުގައި ހުރި މީހާގެ ލަފުގައި ހިފާ ހޫރާލީއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރާތަން ބަލަން ހިތަށް ކެތް ނުވެގެން ރައީސް ޔާމީން އުޅުއްވަނީ ނޫންކަން ފައިސަލްއަށާ އަދުރޭއަށް ވެސް ޔަގީންވިއެވެ. މީހުންނާ ދޭތެރޭގައި އެއްވެސް ވަރެއްގެ އިހުސާންތެރިކަމެއް ނުހުންނަ ބޭފުޅަކީ ރައީސް ޔާމީން ނޫންކަމާ އެ އިހުސާންތެރިކަން ނެތީ ރައީސް މުއިއްޒުކަން ފައިސަލްއަށް ގަބޫލުކުރެވި ޕީއެންސީއާ ފެއަށް ޖެހުނެވެ.
އަހަރުމެން އެ ދުވަހުވެސް ތިބީ ކުޅި ބަލަންށެވެ. ދެން ވެސް ކުޅި ބަލަން ތިބޭނެކަމެވެ. ސަނާ ކިޔާ ގޯނި ފުލަށް ލީމަވެސް ލަފުގައި ހިފާ އެ ހޫރާލީވިއްޔާއެވެ.
މިއީ ދުރު ނޫން މާޒީއަކުން އަހަރުމެންނަށް ފެނުނު ނިކަން ރީތި ރިއަލިޓީއެކެވެ. ސަނާ ކިޔަމުން ދިޔަ ދޫތަކަކުން ރައީސް މުއިއްޒުއާ ދެކޮޅުވެ ބަސްބުނިއެވެ.
އެހެންކަމުން ރައީސް ޔާމީން ސިޔާސީ މައިދާނަށް ނުކުންނަން ދެން ފުރުސަތު އެއްވެސް ބަޔަކު ނުދޭނެ ކަމަށް ބުނެ ހިތުން ޒުވާން އެޑްވައިޒަރު ބައިސާ ކެނޑި ނަމަވެސް މިކަންކަމުން އިބްރަތް ހާސިލުކުރަން ޖެހެއެވެ. ގަޓެއް ހުރި ބަޔަކު ވެޖހެއްިއްޔާ ހަގީގަތުގައި ވާދަވެރިން ބަލި ކުރާނީ ވާދަކޮށްގެންނެވެ. ޖަލަށްލާ ޣައިދުކޮށް ހުރަގޭގެ ތޭރިތަކުގެ ފަހަތުގައި ބަހައްޓައިގެން ނަފްސާނީ ގޮތުން ޓޯޗަރކޮށްގެން ނޫނެވެ. ޑިމޮކްރެސީއަކީވެސް އެއީއެވެ.
އެހެންކަމުން ނަރީޝްއަށް ބުނެލަން އޮތީ ތިޔަހެން ސަފުން ބާކީވެގެން މުޅި ގުލްޝަނަށް ހިތް ދޫވެގެން ތިޔަހެން އުޅޭ ދިރިއުޅުމަކަށް ދުވަހަކު މަލެއް ނުފޮޅޭނެއޭ އެވެ.