
ރައީސް ޑރ މުހައްމަދު މުއިއްޒު އުޅުއްވަނީ އެކި ގައުމުތަކަށް ޒިޔާރަތްކުރެއްވުމަށް ދެކެވަޑައިގަންނަވާ ހުވަފެންފުޅުތައް ސީދާ ކުރެއްވުމުގައި ކަަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިފަދައިން ވިދާޅުވީ ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރައްވާ "ރަސްމީ" ދަތުރުފުޅާއި ގުޅިގެންނެވެ. ޖަމީލް އިތުރަށް ވިދާޅުވީ ވެރިކަން ލިބުނު ފަހުން އަތުން ގުނާލެވޭ ހާ ވަރަށް ވުރެ ގިނަ ގައުމުތަކަށް މުއިއްޒު ޒިޔާރަތް ކޮށްފި ކަމަށާއި މިއިން އެއްވެސް ދަތުރަކުން ގައުމަށް ފައިދާއެއް ކުރާނެ ކަހަލަ ކަމެއް ކޮށްފައިނުވާ ކަމަށެވެ.
މިގޮތުން އެސްޓޯނިއާ، މެލޭޝިއާ، ސިންގަޕޫރު، ދުބާއީ، ތުރުކީ އަދި ޔޫކޭ ފަދަ ގައުމުތަކަށް ދަތުރުކޮށްފައިވާއިރު މިފަދަ ދަތުރުތަކުގައި ބައިވެރިވާ ފޯރަމްތަކުގައި ހަމައެކަނި ދައްކުވައިދެނީ މުއިއްޒުގެ "ސްޓޭޓަސް" ކަމަށާއި އެއްވެސް އިންވެސްޓްމަންޓްތަކެއް ގައުމަށް ކަށަވަރުކޮށްދީފައެއް ނުވާކަމަށް ޖަމީލްގެ އެކްސް ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.
މުއިއްޒުގެ ގިނަ ދަތުރުފުޅުތަކުގައި އެންމެ ގިނައިން އަރިހުގައި ދަތުރުކުރައްވަނީ ފަސްޓް ލޭޑީ ސާޖިދާ ކަމަށްވާއިރު މި ހުރިހާ ދަތުރެއްގައިވެސް ހެޑްލައިން އަކަށް ވެފައި އޮންނަނީ ސާޖިދާ ޕްރޮޓޮކޯލްތަކާއޮ ޚިލާފުވެ ދިވެހި ސަރުކާރު ނުވަތަ ދިވެހި ރައްޔިތުންގެ އަގު ވައްޓާލާ ޚަބަރުތަކެވެ.
މިފަދަ ފޯރަމް ތަކުގައި 100 އެއްހާ އިންވެސްޓަރުން ބައިވެރިވި ނަމަވެސް ދިވެހިރާއްޖެއަށް އިންވެސްޓްކޮށް މަޝްރޫއުއެއް މިހާތަނަށް ކަށަވަރުވެފައިނުވެއެވެ. އެހެންކަމުން މިއީ ލީޑަރޝިޕްގައި ނާޤާބިލު ވުމުގެ ހެއްކެއް ކަމަަށާއި މިފަދަ ދަތުރު ތަކުގެ ސަބަބުން ހަމައެކަނި އަސަރު ކުރަނީ ދައުލަތުގެ ބަޖެޓަށް ކަމަށް ޖަމީލްގެ ޕޯސްޓްގައި ސިފަކުރައްވާފައިވެއެވެ.










