March 9, 2026
Advertisement
މޯދީ އާއި މުއިއްޒު
މޯދީ އާއި މުއިއްޒު / ސޯޝަލް މީޑިއާ

މިނިވަން ވިޔަފާރީގެ ނަމުގެ ގޮތް ނޭގޭ އިތުރު އެއްބަސްވުމެއް އިންޑިއާ އެކުގައި ހެދުމަށް ސަރުކާރުން ތައްޔާރުވަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 23, 2025, 12:05 AM
މާލެ ސިޓީ

ރާއްޖެ އާއި އިންޑިއާ ފްރީ ޓްރޭޑް އެގްރީމެންޓު (އެފްޓީއޭ) އެއް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްްވަރާ ކުރައްވާނެ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓްރީ ވިކްރަމް މިސްރީ ހާމަކުރައްވައިފިއެވެ.

Advertisement

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ އިތުރުން އިންވެސްޓްމަންޓް ޓްރީޓީއެއް ހަދަން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެއްބަސްވުމާ ގުޅޭ އެއްވެސް އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ވިކްރަމް މިސްރީ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކޮށް، އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރަން ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މިގޮތުން މިއީ "މިނިވަން ވިޔަފާރި"ގެ ނަމުގައި ގޮތް ނޭނގޭ އިތުރު އެއްބަސްވުމެއް އެކުލަވާލުން ކަމަށާއި މި އެއްބަސްވުމުގެ ދަށުން ސަރުކާރުން އިންޑިއާއަށް އިތުރަށް ވިއްކާލާނީ ގައުމުގެ ކޮން ރައުސްމާލެއް ކަމާ މެދު ދިވެހި އެތައް ރައްޔިތަކު ވަނީ ސުވާލު އުފައްދާފައެވެ.

ރާއްޖެ އާއި އިންޑިއާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާ ކުރެއްވުމަށް ނިންމަވާފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ޝަރަފުވެރި ފަރާތުގެ ގޮތުގައި މި މަހުގެ 25 ވަނަ ދުވަހު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މޯދީގެ މި ދަތުރުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ދެ ގައުމުގެ ދެމެދުގައި މުހިންމު ބައެއް އެއްބަސްވުންތަކުގައި ވެސް ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

މި ސަރުކާރުން ދެފުށް ފެންނަ ވެރިކަމެއް ކުރައްވާނެ ކަަމަށް ބުނެފައިވީ ނަމަވެސް އިންޑިއާއެކުގައި ވަނީ ގޮތް ނޭގެ ސިއްރު ގިނަ އެއްބަސްވުންތަކެއް ސޮއި ކޮށްފައެވެ. އެހެންކަމުން މިއީވެސް އެފަދަ "ސިއްރު" އެއްބަސްވުމެއް ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved