މަލީހް ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
މަލީހް ރައީސް މުއިއްޒަށް: ތި ކުރައްވަނީ މުޅީންވެސް ބޭކާރު ޚަރަދު
Aishath Naja
އައިޝަތު ނަޖާ
23 ފެބްރުއަރީ 2024
މާލެ ސިޓީ

ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ކުރައްވަމުން ގެންދަވަނީ މުޅީންވެސް ބޭކާރު ޚަރަދުކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ފަރާތްކަމަށްވާ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވީ ފްރޮންޓް އޮފީހުގައި 20 ވަނަ މަޖްލިސް އިންތިޚާބަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ސިލްސިލާގޮތެއްގައި ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު ޖަލްސާގައެވެ.

އެގޮތުން މަލީހް ވިދާޅުވީ މީގެ ކުރިންވެސް އެކި އެކި ފަރާތްތަކުން ވެރިކަން ކުރެއްވިކަމަށެވެ. ނަމަވެސް ރައީސް ގެ ދަތުރުތަކުގައި ސަރުކާރުގެ ވުޒާރާތަކުގެ ހުރިހާ ވަޒީރުންނާ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ނުގެންދަވާކަމަށެވެ. އަދުގެ ރައީސް ޑރ.މުއިއްޒު ބޭރު ގައުމަަކަށް ދަތުރުކުރި ކަމުގައި ވީނަމަވެސް ރާއްޖޭގެ ރަށަކަށް ދަތުރު ކުރެއްވިޔަސް ފެންނަނީ ސަރުކާރުގެ އިސް ހުރިހާ ފަރާތްތަކެއް ގޮވައިގެން ދައުލަތުގެ ފައިސާގެ ޚަރަދުގައި ދަތުރުކުރައްވާ މަންޒަރުކަމަށް ވެސް މަލީހް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ރައްޔިތުން އެހާ ދަތިކޮށް އުޅުއްވާއިރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ސަރުކާރުން ބޮޑެތި ގްރޫޕްތައް ޖަހާލާފައި، ރާއްޖޭން ބޭރުގައި، މިސާލަކަށް ދުބާއީ އަށް އިންވެސްޓްމަންޓް ހޯދުމުގެ ނަމުގައި ވަރަށް ބައިވަރު މީހުން ދިޔަ، ހަމަ ސަރުކާރުގެ މިނިސްޓަރުންނާ ކުންފުނި ތަކުގެ އިސް ބޭބޭފުޅުން. ހަމަ އެގޮތައް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ސަރުކާރުގެ ބޮޑު ސިންގާ ވަފްދެއް އެއް ހަފްތާއަށް މާލެ ސަރުކާރު ބަންދު ސަރުކާރު އޮތީ ބަންދުގައި، މުޅި ރައީސް އޮފީހުގެ ހުރިހާ މުވައްޒަފުން، އިސް ބޭބޭފުޅުން، ބައެއް މިނިސްޓަރުން އައްޑޫ އަތޮޅާއި، ފުވައްމުލަކާއި ހުވަދޫ އަތޮޅަށް ވަޑައިގެން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އެ މަންޒަރު. ވަރަށް ބޮޑެތި އިސްރާފްތަކެއް

- މުހައްމަދު މަލީހް ޖަމާލް

މީގެ ކުރީ ސަރުކާރުތަކުންވެސް އެފަދަ ދަތުރުތައް ކުރައްވަނީ ކަމާ ގުޅުންހުރި ބޭފުޅުން ގޮވައިގެންކަމަށް މަލީހް ވަނީ އިތުރަށް ވާހަކަދައްކަވަމުން ފާހަގަކުރައްވާފައެެވެ.

މިފެނިގެންދަނީ ސަރުކާރުގެ އިސްރާފް އިންތިހާޔަށް ބޮޑުކަމާއި ރައްޔިތު މީހާ ނިކަމެތިކޮށް ރައްޔިތުންގެ ޖީބު މިހާ ބުރަ ދުވަސްކޮޅެއްގައިވެސް ރައްޔިތުންނަށް ނުބަލާލާ މަންޒަރުކަމަށް ވިދާޅުވެ މަލީހް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved