

ވެރިންނަށް ތިބޭ ބަޔަކު ގައުމުގައި ބޮޑުތި ކުށްތައް އަރައިގަތުމަށް ފަހު، ރައްޔިތުންގެ ފަރާތުން އިޙްތިރާމް ލިބޭނެ ކަމަށް އުއްމީދުކޮށްގެން ނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ވެރިން ނަމޫނާއަކަށް ވަނީ ނަމޫނާ ދެއްކެވީމައި ކަމަށެވެ. އޭގެ ބަދަލުގައި ފެންނަން ހުންނަ ކަންކަމުގައިވެސް މުތުލަގަށް ދޮގުހަދާ އޮޅުވާލާ ހިނދު، އެންމެން އެއް އުސޫލަކުން ކަންތަކެއް ނުކުރާނެ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވީ މިއީ އިންސާނުން ކަމަށާ މީހުން ނަފުސާނީވާ ހިސާބަށް ވެރިން ދޮގުހެދުމާ، އޮޅުވާލުމާ، ވައްކަން ކުރުމާ، ކޮރަޕްޝަން ހިންގުމާ، ރިޝްވަތު ބެހުންފަދަ ބޮޑުތި ކުށްތައްކުރުމަށްފަހު، އިޙްތިރާމް ލިބޭނެ ކަމަށް އުއްމީދުކޮށްގެން ނުވާނެ ކަމަށެވެ.
އިނގިރޭސިވިލާތު ފަދަ ތަންތަނުގައިވެސް ރަސްގެފާނު ގަޔަށް ރައްޔިތުން ބިސް އުކާ ހަދަނީ އެއީ އެކަން ރަނގަޅު ވެގެން ނޫން ކަމަށާ މިއަދު މަގާމެެއް އެއިގެ ޒާތުގައި މާތްނުވާ ކަމަށް ވެސް ޑރ ޖަމީލުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އެފަދައިން ދައްކާ ވާހަކަތަކަކީ އެއީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެ ޑރ ޖަމީލު އިތުރަށް ވިދާޅުވ ޙަރާމް ޙުކުމް ކުރާ ފަނޑިޔާރުންނާ ވައްކަންކޮށް ގައުމު ލޫޓުވާވެރިން ގަދަރާއި ޢިއްޒަތަށް ލޯބިކުރާ ނަމަ އެފަދަ ޢަމަލުތަކުން ދުރުވާންޖެހޭ ކަންވެސް ޑރ ޖަމީލު ފާހަގަކުރައްވާފައިވެއެވެ.
ވެރިންގެ ކިބައިން ރީތި އަޚްލާގު މުހިއްމުވާ މިސާލެއް ކަމަށާ އަދި ބޭއަދަބީކަމެެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ރައީސަކަށް ހުންނަވާ ބޭފުޅަކު، ކޮރަޕްޝަން ހިންގާ، ފަނޑިޔާރުގެއަށް އަތް ބާނައި އަނިޔާވެރިވާއިރު މާބާރަށް މިއަދު ހަމަ ގަބޫލުކޮށް ވަކާލާތު ކުރާ ފަރާތްތަކުން އަޑު އުފުލަންވާނެ ކަމަށްވެސް ޑރ ޖަމީލު ވަނި ވިދާޅުވެފައެވެ. މަދު ބަޔަކު ތިމާގެ ވާހަކައަށް ތާއީދު ކުރިޔަސް ޙައްގުބަސް ބުނަންވާނެ ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ
ޕޯސްޓު ނިންމަވާ ލައްވަމުން ޑރ ޖަމީލު ވަނީ ވެރިމީހާއަކީ ޙަގީގަތުގައި ރައްޔިތުންގެ ޚާދިމެއް ކަން ފާހަގަކުރައްވާ އެކަން ތަކުރާރުކޮށް ހަނދާން ކޮށްދެއްވާފައެވެ.
ޑރ ޖަމީލު މިފަދައިން ޕޯސްޓެއް ކުރައްވާފައި މިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައެއް ރަށްރަށަށް އެމަނިިކުފާނު ވަޑައިގެންނެވުމުން ރައްޔިތުން ނުކުމެ އެމަނިކުފާނާ މެދު ނުުރހުން ފާޅުކޮށް އެމީހުންގެ ޝުއޫރު އެމަނިކުފާނުގެ ކުރިމަތީގައި ފާޅުކުރުމުން އެއީ ދަށު ދަރަޖައިގެ ކަންކަމުގެ ގޮތުގައި ސަރުކާރު ޕްރޮމޯޓުކުރާ ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.