

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ޒިންމާތައް ހަނދާން ނައްތަވާލައްވާ ފާލުން ނެއްޓިއްޖެ ނަމަ ރައްޔިތުން ބަސް ބުނާނެ ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ނ. އަތޮޅުގެ ރަށްތަކަުގެ ތެރެއިން ކުޑަފަރީއަށް ވަޑައިގެންނެވުމުން އެރަށުގެ އަންހެނަކު ނުކުމެ ރައީސް މުއިއްޒާ މެދު ނުރުހުން ފާޅުކޮށް އަޑު ހަރުކޮށް ބަސްބުނެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަލީހު ވިދާޅުވީ، ރައްޔިތުންގެ އިހްސާސްތައް ހުރަހަކާ ނުލާ ވެރިންގެ ކަންފަތަށް ގެންގޮސްދޭ ނިޒާމަކީ ޑިމޮކްރަސީ ކަމަށެވެ. ރައީސުން ފާލުން ނެއްޓުމުން ރައްޔިތުން ބަސްބުނާނެ ކަމަށާ ރައީސް މުއިއްޒު ހުރިހާ ބާރެއް މުށުތެރެއަށް ލެއްވިޔަސް ރައްޔިތުންގެ ދުލުގައި ތަޅު ނޭޅުވޭނެކަން މިހާރު ފެނިގެން ދާނެ ކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ. އަދި މަލީހު ވިދާޅުވި ގޮތުގައި އެމީހާ އެމީހާގެ ޝުއޫރު ފާޅުކުރުމަކުން އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
ރައްޔިތުންގެ އިހްސާސްތައް ހުރަހަކާ ނުލާ ވެރިންގެ ކަންފަތައް ގެންގޮސްދޭ ނިޒާމެއް ޑިމޮކްރަސީއަކީ. ރައީސުން ފާލުން ނެއްޓުނީމަ ރައްޔިތުން ބަސްބުނާނެ. މުއިއްޒު ހުރިހާ ބާރެއް މުށުތެރެއަށް ލެއްވިޔަސް ދުލުގަ ތަޅު ނޭޅުވޭނެކަން ފެނިގެން މިދަނީ. މީގަ އެއްވެސް މައްސަލައެއް ނެތް. pic.twitter.com/UGbI3dx1UU
— Mohamed Maleeh Jamal (@maleehjamal) July 23, 2025
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ކުޑަފަރީ އަންހެނަކު ވަނީ ރައީސް މުއިއްޒު ރައްޔިތުންނަށް ވީ ވައުދު ނުފުއްދަވާ ކޮންމެ އިންތިޚާބަކާ ދިމާކޮށް ވޯޓު ހޯދަން ރައްޔިތުން ކައިރިއަށް އަންނަން ލަދު ގަންނަން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި އޭނާ ވަނީ ކަރަންޓު ބިލު މިފަހަކަށް އައިސް އިންތިހާއަށް ބޮޑުވާ މައްސަަލައިގައިވެސް ނުުރހުން ފާޅުކޮށްފައެވެ.