March 19, 2026
Advertisement
މޯދީ އަދި ނަތަންޔާހޫ
މޯދީ އަދި ނަތަންޔާހޫ / ތޭރަ އޮންލައިން

ދިވެހި މުސްލިމުން މޯދީގެ ކިބައިން އެދެންޖެހޭ މާފެއް ނޯންނާނެ: ވައްޑެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 24, 2025, 04:37 AM
މާލެ ސިޓީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރަ މޯދީގެ ކިބައިން ދިވެހި މުސްލިމުން އެދެންޖެހޭ މާފެއް ނޯންނާނެ ކަމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަހުމަދު މުހައްމަދު ވަހީދު ( ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

ވައްޑެ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީ ސަރުކާރުގެ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓްއަކަށް ރައްދު ދެއްވަމުންނެވެ. މަހްލޫފްގެ ޓްވީޓްގައި ބުނެފައިވަނީ ދިވެހި ސަރުކާރުން މޯދީގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށާއި މިހާރުގެ ސަރުކާރުން ވަނީ މޯދީއާއި އިންޑިއާ ސަރުކާރަށް ވަރަށް ހަޑިކޮށް އަމަލުތައް ބަހައްޓާފައި ކަމަށެވެ.

އިންޑިއާ އަައުޓް ކެމްޕޭނަކީ މި ސަރުކާރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންކުރި އެންމެ ބޮޑު އެއް ސްކޭމް ކަމަށާއި ނަމަވެސް މިހާރު މި ސަރުކާރަށްވެސް އިންޑިއާއަކީ މި ގައުމުގެ އެންމެ ގާތް، ހަގީގީ ރަހުމަތްތެރިންކަން ގަބޫލުކުރެވިއްޖެ ކަމަށް ބުނެ މަހްލޫފްވަނީ ނުސީދާކޮށް ރައީސް ޔާމީނަށް ފާޑުކިޔާފައެވެ.

މަހްލޫފްގެ އެކްސް ޕޯސްޓަށް ރައްދު ދެއްވާ ވައްޑެ ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުން މި ސަރުކާރަށް ވޯޓު ދިނީ އިންޑިއާގެ ނުފޫޒުން މި ގައުމު ސަލާމަތްކުރަން ކަމަށާއި، ރައީސް ޔާމީން ފެށްޓެވި އިންޑިއާ އައުޓް ކެމްޕޭނަކީ މި ގައުމުން އިންޑިއާގެ ނުފޫޒުން ސަލާމަތްކުރުމަށް ފެއްޓެވި ވަރަށް މުހިއްމު ކެމްޕޭނެއް ކަމަށެވެ. އަދި މި ކެމްޕޭން "ސްކޭމް" އަކަށް ހައްދަވާ އިންތިޚާބު މުއިއްޒަށް ކާމިޔާބުކުރުވުމަށް ހުރިހާ ގޯހެއް ހެއްދެވީ މި ސަރުކާރުން ކަމަށް ވައްޑެ ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން، ފަލަސްތީނުގެ އާންމުންނާއި ތުއްތު ޅަދަރިން މަރަން ވާގިވެރިވެ، ކަޝްމީރުގެ ބިންތަކުގައި ގަދަކަމުން ހިންދޫއިން ވަޒަންވެރިކުރުވާ މޯދީގެ ކިބައިން ދިވެހިން މާފަށް އެދެން ނުޖެހޭނެ ކަމަށް ވައްޑެ ވަނީ ގޮވާލާފައެވެ.

ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރުމަށް މޯދީ ކުރައްވާ ޒިޔާރަތާއި ގުޅިގެން ސަރުކާރުންނާއި އެމްޑީޕީ އިން އަންނަނީ ހުއްޓުމެއްނެތި ހައްދުފަހަނަ އަޅާފައިވާ މޯދީއަށް ޘަނާ ކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved