March 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ދިވެހި މިނިވަން ދުވަހާއިދިމާކޮށް މުޅި ވެރި ރަށުގައި އިންޑިއާ ދިދަ ޖެހުމުން ރައްޔިތުން ރަތަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jul 24, 2025, 08:58 AM
މާލެ ސިޓީ

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާދިމާކޮށް މުޅި ވެރި ރަށުގައި އިންޑިއާ ދިދަ ޖެހުމުން ރައްޔިތުން ރަތަށް އަރާ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުމުގެ ޕޯސްޓްތަކުން ފުރާލައިފިއެވެ.

Advertisement

ގައުމުއްގެ ވެރިއެއް ޒިޔާރާތް ކުރާއިރު އެ ގައުމެއްގެ ދިދަ ޖެހުމަކީ އާންމު ކަމެއް ކަމަށާއި ނަމަވެސް ގައުމެއްގެ މިނިވަން ދުވަސް ފާހަގަ ކުރާއިރު ވެރި ރަށް މާލޭގައި އެހެން ގައުމެއްގެ ދިދަތަކުން ފުރާލާފައިވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މިފަދަ ޕޯސްޓްތަކުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މޯދީ ވަޑައިގަންނަވަނީ ޖުލައި 25 ވަނަ ދުވަހު ކަމަށާއި 26 ޖުލައި އަކީ ދިވެހިންގެ މިނިވަން ދުވަސް ކަމަށްވުމުން އެ ދުވަހު ވިހުރުވެން ޖެހޭނީ ހަމައެކަނި މި ގައުމުގެ ދިދަ ކަމަށްވެސް މި ފަރާތްތަކުން ވަނީ ބުނެފައެވެ.

އެހެންކަމުން 26 ޖުލައި ވާ ހޮނިހިރު ދުވަހު ދިވެހި ދިދަ ނޫން އިތުރު ދިދައެއް މާލޭ މަގުމަތިން ނުފެންނާނެ ގޮތް ހެދުމަށް ދިވެހި ސަރުކާރަށް އާންމުން ވަނީ އެދިފައެވެ.

މިއާއި އެކު، އިންޑިއާގެ ދިދަތައް ވެރި ރަށް މާލޭގައި ގިނަ ވުމުގެ ސަބަބުން ފާހަގަކުރެވެން މިއުޅެނީ އިންޑިއާގެ މިނިވަން ދުވަސްތޯވެސް އާންމުން އަންނަނީ ސުވާލުކުރަމުންނެވެ. އަދި މިފަދަ ވިސްނުންތަކުން ހެދި ބޮޑު ވަމުން އަންނަ ތުއްތު ކުދިންގެ ސިކުނޑިވެސް ތަޣައްޔަރުވަމުން އަންނަކަމަށް ބުނެ އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިފަދަ މުނާސަބު ދުވަހެއްގެ އަސްލު އޮޅުވާލާ، މި ދުވަހުގެ މުހިއްމުކަން ކުޑަވާ ގޮތަށް ސަރުކާރުން ހަރަކާތްތައް ކުރިއަށް ގެންދިޔުމަކީ ގައުމިއްޔަތަށް ދިވެހިންގެ ހިތުގައި އޮންނަ ލޯބި ފަނޑުކޮށްލާ، ތުއްތު ކުދިންގެ ސިކުނޑިން މިނިވަން ދުވަހަކީ އިންޑިއާ އާއި ގުޅިފައިވާ ދުވަހެއްގެ ގޮތުގައި ގަބޫލުކުރެވޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށްެވެސް މި ޕޯސްޓްތަކުގައި ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved