March 20, 2026
Advertisement
ހުޅުމާލެ ހޮސްޕިޓަލު ޓާޝަރީ ފެންވަރުގައި ހުޅުވިތާ 8 މަސް، އަދިވެސް ޔޫރޮލޮޖިސްޓެއް ނެތް
ހުޅުމާލެ ހޮސްޕިޓަލު ޓާޝަރީ ފެންވަރުގައި ހުޅުވިތާ 8 މަސް، އަދިވެސް ޔޫރޮލޮޖިސްޓެއް ނެތް / ރައީސް އޮފިސް

ޓާޝަރީ ފެންވަރުގައި ހުޅުވި ހުޅުމާލެ ހޮސްޕީޓަލުގައި އަދިވެސް ސްޕެޝަލިސްޓުން ހަމަނުވޭ!

Mariyam Isaadha
މަރިޔަމް އިސާދާ
Jul 27, 2025, 11:20 PM
މާލެ ސިޓީ

މާލެ ސަރަހައްދުގައި ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ހުޅުމާލޭގައި ހުރި ސަރުކާރު ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުޅުވިތާ 8 މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ރައްޔިތުންނަށް ބޭނުންވާ ސްޕެޝަލިސްޓު ޑޮކްޓަރުން އަދިވެސް ހަމަނުވާކަން ހާމަވެއްޖެއެވެ.

Advertisement

އާންމު ރައްޔިތުން އެ ހޮސްޕިޓަލަށް މީގެ 8 މަސް ކުރިން ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކަޓަރަކު ހުރިތޯ އޮޅުން ފިލުވަން ގުޅުމުން މައުލޫމާތު ދީފައިވަނީ އޭރު އަދި އެ ދާއިރާއަށް ޚާއްސަ ޑޮކްޓަރެއް އެ ހޮސްޕިޓަލުގައި ނުބައްލަވާ ކަމަށެވެ. އަދި ޔޫރޮލޮޖީ ޑިޕާޓުމަންޓެއްވެސް އެ ހޮސްޕިޓަލުގައި އޭރުގައި ނެތް ކަމަށެވެ.

އޭގެ 8 މަސް ފަހުން އަނެއްކާވެސް އެ ދާއިރާއިން ޚާއްސަ ޑޮކްޓަރަކު ހުރިތޯ އޮޅުން ފިލުވަން އާންމު ރައްޔިތަކު އާދިއްތަ ދުވަހު ހުޅުމާލޭ ހޮސްޕިޓަލަށް ގުޅާ ސާފުކުރުމުން ހާމަވީ އަދިވެސް އެ ހޮސްޕިޓަލުގައި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް އަދިވެސް ނެތް ކަމަށެވެ. ހަމައެހެންމެ އަދިވެސް އެ ޑިޕާޓުމަންޓުވެސް އުފައްދާފައިނުވާކަމެވެ.

ޓާޝާރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލު ހުޅުވާ 8 މަސް ފާއިތުވެގެން ދިޔައިރުވެސް އެ ހޮސްޕިޓަލުގައި ސްޕެޝަލައިޒު ދާއިރާތަކާ ގުޅުން ހުރި ޑިޕާޓުމަންޓުތަކާ އަދި ސްޕެޝަލިސްޓުން ހޮސްޕިޓަލުގައި ބައްލަވަން ނުފައްޓަވައިގެން އުޅޭ ސަބަބު ސާފުކޮށްލަން ހެލްތު މިނިސްޓްރީގެ މީޑިޔާއަށް ގުޅާލުމުން ފޯނު ނުނަންގަވާތީ އެ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކާއެކު، ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުވާދެއްވީ 16 ނޮވެމްބަރ 2024 އެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން ގެންދެއެވެ. އެގޮތުން މި ވަގުތުވެސް ހޮސްޕިޓަލު ލޭޒަރ މެޝިން ހަލާކުވެފައި ހުރުމުން ލޭޒަރ އޮޕަރޭޝަންސްތައް ވަނީ ހުއްޓިފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved