
ތަކެތީގެ އަގު އުފުލި ގިނަ ބަޔަކު ހާލުގައިޖެހިފައިވަނީ ސަރުކާރުން ވައްކަން ކުރާތީ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައި ވިދާޅުވެފައިވަނީ ދުވަހަކުވެސް ރާއްޖޭގައި ކޮރަޕްޝަން މިވަރަކަށް ފުޅާވެގެން ގޮސްފައިވާ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށާއި މި މިންވަރަށް ދައުލަތް ފަގީރުވާން ދިމާވި އެންމެ ބޮޑު ސަބަބަކީ ގައުމުގެ ރައީސް މުހައްމަދު މުއިއްޒު އިސްވެ ހުރެ ކޮރަޕްޝަން ހިންގަން ފެށުމުން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ ކަމަށެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިންގަނީ މުއިއްޒު ކަމަށާއި އޭސީސީން މުއިއްޒުގެ އިތުރުން ސަރުކާރުގެ އެއްވެސް ބޭފުޅެއް ޖަވާބުދާރީ ކުރުވުމަކީ ހަނދަށް ކުޅު ޖެހުން ފަދަ ކަމެއްގެ ގޮތުގައި ޑރ. ޖަމީލް ވަނީ ސިފަކުރައްވާފައެވެ. އަދި އޭސީސީގެ ރައީސްގެ މަގާމުގައި ހުންނެވި ޝާމިލްއަކީ ރައްޔިތުންނަށް ހެޔޮ އެދޭ ފަރާތެއް ނޫން ކަމަށާއި އެއީވެސް މުއިއްޒުގެ "ޕަޕެޓް" އެއް ކަމަށް ޕޯސްޓްގައިވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މުއިއްޒު ހިންގަވާފައިވާ ބޮޑެތި ކޮރަޕްޝަންތަކުގެ ތެރޭގައި މަޖިލިސް އިންތިޚާބަށް ރަސްމާލެ ހިއްކުމުގެ ނަމުގައި ހިންގި މާސިންގާ ކޮރަޕްޝަނާއި، ދައުލަތުގެ ބޮޑަތި ކުންފުނިތަކުން އޮގަނައިޒުކޮށް މުއިއްޒު ނަގަމުންދާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާތައް ހިމެނޭކަމަށް ޖަމީލް ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އެޗްޑީސީ، އެމްޕީއެލް، ގޭސް ކުންފުނި، ފެނަކަ، އާރުޑީސީ މިކުންފުނިތަކަކީ މުއިއްޒުގެ ކޭޝް ކައުތަކަށް ހަދައިފި ކަމަށްވެސް ޑރ. ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ.
ރައްޔިތުން ނުރުހުނަސް އެކި އިވެންޓްތަކަށް ބޮޑަތި އަދަދު ޖަހާ ނަގާ ފައިސާތައް މިހާރުވަނީ ހައްދުން ނައްޓާފައި ކަމަށާއި މުއިއްޒުގެ ޕަޕެޓުން އެހާ އަޑު ގަދަވަނީ އެމީހުންގެ މިލްކިއްޔާތަށްވެސް ބައެއް އެޅޭތީ ކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، ގައުމުގައި ތަދުމަޑުކަން ބޮޑުވެ، ތަކެތީގެ އަގު އުފުލި ރައްޔިތުން ހާލުގައި ޖެހިފައިވަނީ ސަރުކާރުގެ ވެރި މީހާ ވައްކަން ކުރާތީ ކަމަށް ޑރ. ޖަމީލްގެ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.










