

މިހާރު މި ސަރުކާރުގައި ހިނގަމުންދާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ނުބެލެނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް އެކަމުގެ ފައިދާ ވާތީ ކަމަށް ރައީސް އަބްދުﷲ ޔާމީން ތުހުމަތުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ކުރިއަށް ދިޔަ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުގެ ބޮޑެތި ކުންފުނިތަކަށް ލިބޭ އާމްދަނީއާ އަދި އެ ކުންފުނިތަކަށް ވަންނަ ފައިސާއަށް ވާގޮތެއް އޮޑިޓަރ ޖެނެރަލް ބަލަން ޖެހޭ ނެ ކަމަށާ އޯޑިޓަރ ޖެނެރަލްގެ އޮފީހުން ދެ އަހަރު ވެގެންދާއިރު އޮޑިޓުތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އޮޑިޓަރ ޖެނެރަލްއަށް ޒިންމާ އަދާނުކުރެވޭނަމަ ިންމާދާރުކުރުވަން އޮތް މުއައްސަސާ، ރައްޔިތުންގެ މަޖިލިސް އޮޅުހިޔާ ފެސިޓީއަކަށް ހަދާ ރައީސް މުއިއްޒު ވަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ހުރި ދޮރުތައް ބަންދުކުރައްވާފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ސަރުކާރަށް ދެ އަހަރުވެގެން ދާއިރު އެއްވެސް މުއައްސަސާއެއްގެ އޯޑިޓެއް ނުހެދޭ، ކޮބައިތޯ މަޖިލިސް. އެތަން ވެސް އެއޮތީ އޮޅުހިޔާ ފެސިޓިއަކަށް ހަދާ ބާރުތައް ކަނޑުވާލާފައި. ކޮރަޕްޝަންގެ މައްސަލަތައް ނުބެލެނީ މުއިއްޒަށް އެކަމުގެ ފައިދާވާތީ. ކޮރަޕްޝަނަކީ ހުއްޓުވަން ޖެހޭ އެއްޗެއް، ހުއްޓުވޭނެ އެއްޗެއް
ރައީސް ޔާމީން ވަނީ ޝާމިލް އޭސީސީގައި ބަހައްޓައިގެން އުޅެނީ ކޮރަޕްޝަންގެ މައްސަލަތައް ނުބަލާނެ ކަމުގެ ޔަގީންކަން މުއިއްޒަށް އޮތުމުން ކަމަށް ވިދާޅުވެފައެވެ.