

ސިންގަޕޫރުގެ މޮޑެލް ކޮޕީކޮށް އިސްލާމީ ޝަރީއަތް ދިވެހިރާއްޖޭގައި އިމްޕްލިމެންޓް ކުރަންޖެހޭކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޗެނަލް13 އިން ގެނެސް ދިން އަހަރުމެންގެ ޤައުމު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ސިންގަޕޯރ އިން ގެނައި ކާމިޔާބު މޮޑެލް އެއްގެ ސަބަބުން އެ ޤައުމަކީ މުޅި ދުނިޔެއިންވެސް އެންމެ ސޭފް އެއް ޤައުމު ކަމަށް ފާހަގަކޮށްލެވޭ ކަމަށެވެ.
1920 ވަނަ އަހަރާ ހަމަޔަށް އައިސް ފުރަތަމަ ބޮޑު ހަނގުރާމަ ނިންމި ހިސާބަށް އައި އިރު ސިންގަޕޫރަކީ އާބާދީއިން ކޮންމެ ފަސް މީހަކުން އެކަކު މަސްތުވާތަކެތި ބޭނުންކުރާ މީހެއްއުޅޭ ޤައުމަކަށް ވީނަމަވެސް މިއަދު ދުނިޔޭގެ އެންމެ "ސޭފް" އެއް ޤައުމަކީ ސިންގަޕޯރ ކަން ފާހަގަކުރެވޭކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑު އެހެންވެގެން މި ދަންނަވަނީ ސިންގަޕޯރ މޮޑެލް އަޅުގަނޑުމެން ކޮޕީ ކުރަން ޖެހެޔޭ. ކޮޕީ ކޮށްފަ އިސްލާމީ ޝަރީއާ އޭގެ ތެރެއަށް ލައިފަ އަޅުގަނޑުމެން ދިވެހިރާއްޖެ އިމްޕްލިމެންޓް ކުރަން ޖެހެޔޭ. މިކަން މުކޮށް މީހާރު މިއޮތް ޤާނޫނު ގެ ދަށުން ދިގުދިއުޅި އަޅުވައިގެން، ޑްރަގް ކޯޓު ހަދައިގެން އިނގޭތޯ، ޕޮލިޓިޝަނުން މީހުންނަށް މާފު ދެމުން ގެންދާ ކަމަށްވަންޏާ މި ޤައުމު ހަލާކުވަމުން ދާނީ.
އުމަރު ވިދާޅުވީ ހަމައެކަނި މި އަހަރުގެ މަރުގެ އަދަދަށް ބަލާލިޔަސް ވަރަށް ގިނަ އަދަދެއްގެ މަރު ހިނގާފައިވާކަމަށެވެ. އަދި ގާތްގަނޑަކަށް މިހުރިހާ މަރަކީވެސް މަސްތުވާތަކެއްޗާއި ގުޅުންހުރި މަރު ކަމަށް އުމަރު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގައި އޯވަރޑޯޒްވެގެން މަރުވާ މިހުންގެ އަދަދު މިހާރު ގާތްގަނޑަކަށް 15% އަށް އަރާފައިވާއިރު ސަރުކާރުން އޯވާރޑޯޒް ޑެތް އިއުލާންނުކުރާ ކަމަށް އުމަރު ވަނީ ފާހަގަކޮށްފައެވެ. އުމަރު ވިދާޅުވީ ރާއްޖޭގައި އޯވަރޑޯޒް ޑެތް ރިކޯޑް ނުކުރުމަކީ ގެއްލުން ހުރި ކަމެއް ކަމުގައެވެ.
އުމަރު ވިދާޅުވީ މިއަދު މިއޮތް ހާލަތަށް ދިވެހިރާއްޖެ ހަލާކުވެެގެން މިދިޔައީ މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނާއި މެދު އަޅަންޖެހޭ ހަރުކަށި ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ.
އުމަރު ވިދާޅުވީ ސަރުކާރުން ހަރުދަނާ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން މުޖުތަމައު އެއްކޮށް ހަލާކުވެގެންދާ މަންޒަރު މިއަދު ފެނިގެންދާ ކަމަށެވެ.