ރައީސް ޑރ. މުހައްމަދު މުއިއްޒު ފެނިގެން ދަނީ ޚުދުމުހިތާރު ވެރިއެއްގެ ގޮތުގައި ކަމަށް، ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު އަބްދުލް ހަމީދު އަބްދުއް ސަމަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ރައީސް ޔާމީންގެ ތާއީދާއެކު ވާދަކުރާ ކެންޑީޑޭޓުން ތައާރަފްކުރުމަށް ބާއްވަމުން ގެންދަވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ހަމީދުވަނީ މަޖިލިސް އިންތިހާބު ބޭއްވުން ލަސްކުރަން ފާސްކޮށް މަޖިލީހުން ފޮނުވި ބިލު ތަސްދީގުނުކޮށް ރައީސް މުއިއްޒު ދިގު ދަންމަމުން ގެންދާތީ އެކަމާ ކަނބޮޑުވުން ފާޅުކޮށްފައެވެ.
ހަމީދު ވިދާޅުވި ގޮތުގައި އެއީ ރައްޔިތުންގެ ނިންމުމެއް ބޮލާލާ ޖެހުން ކަމަށާ އެއީ ޚުދުމުހުތާރުކަން ހާމަވާ ކަމެއް ކަމަށެވެ.
އެއީ އަސްލު ވަރަށް ޒިންމާދާރުކަން ކުޑަ ހުދުމުހުތާރު އަމަލެއް. ރައްޔިތުންގެ ނިންމުމެއް ބޮލާލާ އެ ޖައްސަވަނީ. ރޯދަ މަހު މީހުން ވޯޓުލާން ނުނިކުންނާޏެ އެނގި ހުންނަވާ ވެސް އެގޮތަށް އެ އަމަލު ކުރައްވަނީ މިހާރު ސަރުކާރަށް އޮތް ތާއީދުވެސް، އެންމެ ދުވަހެއް ލަސް ވިޔަސް ގެއްލޭނެކަމުގެ ޔަގީންކަން ރައީސް މުއިއްޒަށް އޮތުމުން.
ހަމީދު ވިދާޅުވީ، މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާ ސަރުކާރު ޒިންމާދާރު ކުރުވުމުގައި ފަހަތު ފަޔަށް ބުރަވެ ފަސް ނުޖެހޭނެ ކަމަށެވެ.