ރާއްޖޭގައި އޮތް ރަސްކަމުގެ ވެރިކަން ނިމުނުތާ ހާސް އަހަރުތަކެއް ވެގެން ދިޔަކަން ރައީސް ޑރ. މުހައްމަދު މުއިއަޒަށް އެނގިނުލައްވާކަމަށް ވިދާޅުވާ ފަދަ މޭރުމަކުން، ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ އުފެއްދެވުމުގައި މަސައްކަތްކުރައްވަމުން ގެންދަވާ މުހައްމަދު މަލީހު ޖަމާލު ރައީސް މުއިއްޒަށް ފާޑުވިދާޅުވެއްޖެއެވެ.
މަލީހުގެ ފާޑު ކިޔުން އަމާޒުކުރެއްވީ ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ދަ ފްރެޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައެވެ.
އެގޮތުން ދަނގެތީ ދާއިރާއަށް ރައީސް ޔާމީންގެ ތާއީދާއެކު ވާދަކުރައްވާ ކެންޑިޑޭޓަށް އަމާޒކުރެއްވި ސުވާލުތަކުގެ ތެރެއިން މަލީހު ވަނީ ރައީސް މުއިއްޒު މަޖިލީހުގެ ނިންމެވުންތަކަށް އިހުތިރާމު ނުކުރައްވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން މަޖިލިސް އިންތިހާބު ބޭއްވުން ފަސްކުރުމަށް މަޖިލީހުން ފާސްކުރުމުން އެ ބިލު ތަސްދީގުނުކޮށް ހިފަހައްޓަވަމުން ރައީސް މުއިއްޒު ގެންދަވާ އިރު އެއީ އެއް ބާރުން އަނެއް ބާރަށް އެރުން ކަމަށް މަލީހު ވަނީ ސިފަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މޭޒުކޮޅުގެ މަތީގައި އެބިލު ބާއްވައިގެން އެ ގެންދަވަނީ ލަސްކުރަމުން. ގާނޫނު އަސާސީ ބުނަނީ ވެރިކަން ފފެށިގެން އަންނަނީ ރައްޔިތުންނާ ހަަމއިން. ރާއްޖޭގެ ރަސްކަން ނިމިއްޖެ. ފާސްކުރި ގާނޫނުގައި އެބަ ބުނޭ ރޯދަ މަހުގެ ފަހުންނޭ އިންތިހާބު ބާއްވަން ޖެހޭނީ. އެހެން ނަމަވެސް މަޖިލީހުގެ މެޖޯރިޓީއިން ފާސްކޮށް ތަސްދީގުކުރަން ފޮނުވީމަ މި ހިފަހައްޓަނީ، ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލުނުކުރައްވަނީތޯ ރަސްކަން ނިމިއްޖެ ކަން.
މަލީހު މިފަދައިން ވިދާޅުވާއިރު މަޖިލިސް އިންތިހާބު ރީދަ މަހާ ދިމާ ވާތީ ގިނަ ބައެއްގެ ކަންބޮޑުވުން އެކަމުގައި އޮތުމާ އެކު މަޖިލީހުން ވަނީ އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް ރޯދަ މަހާ އިންތިހާބެއް ދިމާވާނަމަ ދެން އެ އިންތިހާބެއް ބޭއްވޭނީ ރޯދަ މަސް ނިމި ދިހަ ދުވަސް ފަހުންކަމަށް ކަމަށް ކަނޑައަޅާ ފާސްކޮށްފައެވެ.
ނަމަވެސް އެ ބިލު ތަސްދީގު ކުރަން ފޮނުވި ފަހުން ބައެއް ހަފްލާތަކުގައި ރައީސް މުއއިްޒުވަނީ އިންތިހާބު އޮންނާނީ ރޯދަ މަހު ކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.
ބިލު ތަސްދީގު ކުރަން އޮތް މުއްދަތު މި ހަފްތާގެ ބުދަ ދުވަހަށް ހަމަވާއިރު ރައީސް މުއިއްޒު އެ ބިލު ތަސްދީގު ކުރެއްވުމެއް ނެތި އަވަދިނެތި އުޅުއްވަނީ ދައުލަތުގެ މުދަލާ ފައިސާ ބޭނުންކޮށްގެން މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައިކަން ފާހަގަކޮށްލެވެއެވެ.