April 26, 2026
Advertisement
ކުރީގެ ނައިބު ރައީސް ޖަމީލް
ކުރީގެ ނައިބު ރައީސް ޖަމީލް / ސޯޝަލް މީޑިއާ

އެފްއައިޔޫ ހެޑް މަދު ގަޑިއިރެއްތެރޭ ބަދަލުކޮށްލުމުން މުއިއްޒުގެ ނުފޫޒު އޮތް މިންވަރު ހާމަވޭ: ޑރ ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 4, 2025, 05:55 PM
މާލެ ސިޓީ

އެފްއައިޔޫ ހެޑް މަދު ގަޑިއިރެއްތެރޭ ބަދަލުކޮށްލުމުން މުއިއްޒުގެ ނުފޫޒު އެކި ވުޒާރާތަކާއި ކުންފުނިތަކުގައި އޮތް މިންވަރު ހާމަވެއްޖެ ކަމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ ކޮރަޕްޝަން ހާމަވާ އެމްއެމްއޭގެ އެފްއައިޔޫގެ ލިޔެކިޔުންތަކެއް ލީކްވުމާއި އެކު އެ ޑިޕާޓްމަންޓްގެ ހެޑް ވަގުތުން ބަދަލުކޮށްލީ އެ ލިޔެކިޔުންތަކުގައި ހަގީގަތް އެކުލެވޭތީ ކަމުގައެވެ.

މި ސަރުކާރުގެ އެތައް ކޮރަޕްޝަން މައްސަލަތަކެއް ވެރިކަމަށް މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ފެންމަތިވެފައިވާ ކަމަށާއި މިއިން އެއްވެސް މައްސަލައެއް މުއިއްޒު ތަހްގީގުކޮށް ފިޔަވަޅު ނާޅާނެ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

ކޮންމެ މީހެއްވެސް ބަލާނެ ތިމާގެ މަންމައަށް، ނުވަތަ އަނބިމީހާއަށް ނުވަތަ ތުއްތު ދަރިއަށް ކާން ބޯން މި ޚަރަދުކުރެވެނީ ހަލާލް ފައިސާތޯ. އެއްވެސް މީހެއް ބޭނުން ނުވާނެ އަދަދުތަކެއް ޖަހައިގެން މިލިއަނުން ލާރި ހިފައިގެން އަނބިދަރިން ޚާއްސަކޮށް ދަރިންނަށް ޚަރަދުކުރަން. އެކަލާނގެ އަހަރުމެންގެ ފުރާނަ ގެންދަވާނީ ކޮން އިރަކު ކިހިނަކުން ކަމެއް ކިހިނެއްތޯ އިގޭނީ އެހެންވީމަ އެއަށް ތައްޔާރުވާނެ ޖެހޭ

ޑރ ޖަމީލް ވިދާޅުވިއެވެ.

ޝުޖާއުގެ ކޮރަޕްޝަން މައްސަލަތަކުގައި މުއިއްޒު މާލޭގެ މޭޔަރު ކަމުގައި އުޅުއްވި ދުވަސްވަރު ސިޓީ ކައުންސިލުން ކޮށްފައިވާ މުއާމަލާތްތައްވެސް ހިމެނެއެވެ.

މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިއަހަރު އެކަނިވެސް ބޮޑެތި ޖަރީމާތައް ހިންގާފައިވާއިރު، މި ފަރާތްތައް ހަމައެކަނި ނަމަކަށް މަގާމުން ދުރުކުރުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާތަނެއް ފެނިގެން ނުދެއެވެ.

މިއާއި އެކު އެމީހެއްގެ ފުރާނަ ގެންދެވުމުގެ ކުރިން ތިމާގެ ނަފްސު ތާހިރުކޮށް އިޚްލާސްތެރިކަމާއިއެކު މަސައްކަތް ކުރާ މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved