
ޑރ މުހައްމަދު މުއިއްޒަކީ، "ގަޅި"އެއް ކަމަށް ޕީއެންސީގެ ސީނިއަރ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވިކަން ހާމަވެފައިވަނީ މިހާރު ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އޯޑިއޯއަކުންނެވެ.
އެގޮތުން ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުންދާ ވިސްލު ބްލޯވަރ އެކައުންޓުން ހިއްސާކޮށްފައިވާ ޕޯސްޓުގައި އަޑު އިވިގެން ދަނީ ޝުޖާއު ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހި މާލޭގެ މޭޔަރ މުއިއްޒަކީ ކަންކަން ނުދަންނަ ގަމާރެއްގެ ގޮތުގައި ސިފަކުރުމަށް ބޭނުން ކުރާ ބަހުރުވަޔަކުން ސިފަކޮށް މީހަކާ ވާހަކަ ދައްކާ އަޑެވެ.
އެ އޯޑިއޯގައި ޝުޖާއު ބުނާ އަޑު އިވިގެން ދަނީ "މޭޔަރު ވެސް ގަޅީނުން. އޭނައަށް އެނގޭނު ހުރިހާ އެއްޗެއް. އަހަރުމެން ކީމަ މޭޔަރުއަށްވެސް ގަބޫލުނުކުރެވުނީނުން ފުރަތަމަ" މިހެންނެވެ.
ނަމަވެސް އެއީ ކޮންކަމަކާ ހިތްހަމަ ނުޖެހި ކާކު ކައިރީ ޝުޖާއު ދެއްކި ވާހަކައެއް ކަމެއް އެނގެން ނެތެވެ.
ޝުޖާއު ރައީސް މުއިއްޒަކީ ގަޅިއެއް ކަމަށް ބުނެފައި ވަނީ އޯޑިއޯއިން ދޭހަވާ ގޮތުގައި މާލެ ސިޓީ ކައުންސިލްގައި އެ ދެބޭފުޅުންވެސް ތިއްބެވި ދުވަސްވަރުގައެވެ.
ޝުޖާއު ރައީސް މުއިއްޒަކީ ގަޅިއެއްގެ ގޮތުގައި ސިފަކޮށްފައި ވަނީ ޝުޖާއުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާ މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުތަކެއްގެ އަޑު ގަދަވެފައިވެސްވާ ދަނޑިވަޅެއްގައެވެ.










