

ދާދިފަހުން ޕާކިސްތާނާއި އީރާނާ ދެމެދު ވަރަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން، އެ ދެ ޤައުމުން ވަނީ އެއްކޮށް މުޅިން އައު ވިޔަފާރީގެ މަގެއް ގާއިމުކޮށްފައެވެ.
މި ވިޔަފަރީގެ އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ހުޅަނގުގެ ޤައުމުތަކުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭނެ މަގެއް ގާއިމްކުރުމެވެ. މިކަމަށް މަގު ފަހިވެގެން ދާނީ އީރާނުން ދާދިފަހުން އެ ޤައުމުގެ މުޅި ސަރަޙައްދުގައި ކާގޯ ބޯޓުތައް ދަތުރުކުރާ ފަދައިން ބޮޑެތި މުދާ އުފުލޭނެ ފަދަ ގޮތަކަށް ނިންމާފައިވާ ރޭލްވޭ މަގާ އެކުއެވެ.
މި ރޭލްވޭ މަގު ވަނީ ތުރުކީއާއި ޔޫރަޕްގެ އިތުރުން ރަޝިޔާއާވެސް ގުޅިފައެވެ. މީގެ ސަބަބުން އީރާނު މެދުވެރިކޮށް މި ރޭލްވޭ މަގުން އަންނަ އެއްވެސް ވިޔަފާރިއެއް ކަނޑުމަގުން ދަތުރުކުރަން ނުޖެހި ސީދާ އެ ޤައުމުތަކަށް ފޯރުކޮށްދެވޭނެއެވެ.
ޕާކިސްތާނުން ދާދިފަހުން އީރާނާއެކު ސޮއިކޮށްފައިވަނީ މި ރޭލްވޭ މަގުތައް ގުޅުމަށާއި، މި އައު ވިޔަފާރި މަގުގައި ބައިވެރިވުމަށެވެ.
ކުރިން ޕާކިސްތާނުން ޔޫރަޕާއި ރަޝިޔާއަށް މުދާ ފޮނުވަން ޖެހެނީ މުޅި ދުނިޔެ ވަށައިގެން ކާގޯ އުޅަނދުތައް ފޮނުވައިގެންނެވެ. ނަމަވެސް އީރާނުގެ މި ރޭލްވޭ މަގާއެކު، ފަސޭހައިން މުދާ ފޮނުވޭނެ އިންތިޒާމެއް ހަމަޖެހޭނެއެވެ. އަދި އީރާނު މެދުވެރިކޮށް ސީދާ ޔޫރަޕާއި ރަޝިޔާއަށް ރޭލްތަކުން މުދާ ފޮނުވޭނެއެވެ. މިކަމުގެ ސަބަބުން ޕާކިސްތާނަށް މިހާރު ޝިޕިންގ ޚަރަދުތަކުން ވަރަށް ބޮޑު އަދަދެއްގެ ފައިސާ ސަލާމަތްކުރެވޭނެއެވެ. އަދި އެހެން ޤައުމުތަކަށް ޕާކިސްތާނުގެ ކާގޯ އުޅަނދުތަކަށް ނުފޫޒު ފޯރުވޭނެ ގޮތެއްވެސް ނޯންނާނެއެވެ.
ކުރިން އެހެން ޤައުމުތަކުން ބޭނުންވެއްޖެނަމަ، ޕާކިސްތާނުން އެހެން ޤައުމުތަކާއެކު ކުރާ ވިޔަފާރި ހުއްޓުވުމަށް ނުވަތަ ކާގޯ އުޅަނދުތައް ހުއްޓުވުމުގެ ނުވަތަ އަނބުރާ ފޮނުވާލުމުގެ ބާރު ލިބިގެންވިއެވެ. މި އައު މަގުގެ ސަބަބުން މިފަދަ ހުރަސްތަކުން ސަލާމަތްވެ، ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެއެވެ.