
ވައްކަމާއި މަނީ ލޯންޑްރިންގގެ ބޮޑެތި ކުށްތައް ފަޅާއެރުމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އަންނަނީ ޕްރެޝަރ ކުކަރެއްހެން ކެކެމުންކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ޖަމީލް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް މަސައްކަތް ކުރި "ޖަބުރޯލު" ފެކްޝަން އެކްޓިވޭޓް ވެއްޖެ ކަމަށާއި ޝުޖާއުގެ ސިއްރު ވައްކަން ފަޅާއެރުމުން މި ފެކްޝަންގެ ބައްދަލުވުންތައް މިނިސްޓަރު ޝިޔާމް ގޭގައި ބާއްވާފައިވާ ކަމަށެވެ.
ޑރ ޖަމީލް އިތުރަށް ވިދާޅުވީ ޖަބުރޯލު ފެކްޝަންގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އިކޮނޮމިކް މިނިސްޓަރ ސައީދާއި، ޑިފެންސް މިނިސްޓަރު ޣައްސާނާއި އަދި އާދަމް ޝަރީފު ކަމަށެވެ.
މި ގްރޫޕްގެ ވިސްނުން ހުރީ މުއިއްޒުއަށް ޝުޖާއު އަކީ ޕާޓީއަށްވުރެ މުހިއްމު މީހެއް ކަމަށް ގަބޫލުކުރަން މަޖުބޫރު ކުރުން ކަމަށާއި ޝުޖާއު އާއި ދެކޮޅަށް ގާނޫނީ ފިޔަވަޅެއް އަޅައިފިނަމަ މުއިއްޒު އާއި ދެކޮޅަށް ތެދުވަން ފަސްނުޖެހޭނެ ކަމަށް ޖަމީލްގެ ޕޯސްޓްގައި ވަނީ ފާހަގަކޮށްފައެވެ.
ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް މަސައްކަތް ކުރި މި ސިއްރު ފެކްޝަން އެމީހުން ބޭނުންވާ ގޮތަށް މުއިއްޒު އަމަލުނުކޮށްފިނަމަ މުއިއްޒުގެ ބާރު ކަނޑުވާލަން ޕްލޭން ކުރާން ކަމާއި މެދު އެއްވެސް ޝައްކެތް ނެތެވެ.
ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ފާއިތުވި ދެ އަހަރު ތެރޭގައި ސަރުކާރުން ކޮރަޕްޝަނާއި ނާޖާއިޒު އެތަކެއް ފައިސާތަކެއް ޖަމާކޮށްފައިވާ މައްސަލަ ފެންމަތިވެފައިވާއިރު މި މައްސަލައާއި ގުޅިގެން ސަރުކާރަށާއި ޝުޖާއުއަށް އަންނަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.










