

ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހާ ދެކޮޅަށް ގިނަ އަދަދެއްގެ ކައުންސިލްތަކުން ތެދުވެއްޖެއެވެ.
ކައުންސިލުތަކުގެ މާލީ މިނިވަންކަމަށް ބުރޫ އަރާފަދަ ގޮތަކަށް، ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާއިރު އެ ގާނޫނަށް ގެންނަ އިސްލާހުތައް އާންމުންގެ ހިޔާލަށް ހުޅުވާލައި ބިލާ މެދު މިއަދު ގޮތެއް ނިންމަން ލާމަރުކަޒީ ކޮމިޓީން ވަނީ ނިންމާފަ އެވެ.
މި ބިލާއި ގުޅިގެން ގިނަ އަދަދެއްގެ ކައުންސިލްތަކުން އެ އިސްލާހުތަކާ މެދު ހިތްހަމަނުޖެހިގެން ވަނީ ނޫސް ބަޔާންތަކެއް ނެރެފަ އެވެ. މި ބަޔާންތަކުގައި ކައުންސިލްތަކުން ބުނެފައިވަނީ އެ އިސްލާހުތަކަށް އަމަލުކޮށްފި ނަމަ، ކައުންސިލްތަކަށް ލިބިދީފައިވާ ބޮޑު މިނިވަންކަމެއް ގެއްލޭނެ ކަމަށެވެ.
މިގޮތުން، ކައުންސިލްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ދަތިވާނެ ކަމަށާއި، ރަށުގެ ތަރައްގީއަށް ހިންގަން ހުރި ގިނަ މަޝްރޫއުތަކަށް ހުރަސް އެޅޭނެކަމާއި، ކައުންސިލްތަކުގެ ވައުދުތައް ނުފުއްދި، އެތަންތަނާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމަށް ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައި ބުނެފައިވެއެވެ.
މަޖިލީހުގައި މިހާރު މަޝްވަރާ ކުރަމުންދާ މި އިސްލާހުތަކާ ދެކޮޅަށް މިހާތަނަށް ތިރީހަކަށް ކައުންސިލުން ވަނީ ނޫސް ބަޔާން ނެރެފަ އެވެ. އެ ހުރިހާ ކައުންސިލްތަކުން ވެސް އެދިފައިވަނީ ސަރުކާރުން މި ބިލް އަނބުރާ ގެންދިޔުމަށެވެ.