

ގައުމު ލޫޓްވާ ވައްކަން ކުރެވެނީ މުވައްސަސާތަކުގެ ވެރިން އެކަމަށް ޖާގަދޭތީ ކަމަށް ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަނީ ލޯންޑާކޮށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ޝުޖާއުއާ ސުވާލުކޮށްފައިނުވާ މައްސަލައަށް ފާޑުވިދާޅުވެ ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނީ ހުވާކޮށްގެން، ޓެކްސްފައިސާއިން ބޮޑަތި މުސާރަ ނަގާ އަމިއްލަ އަނބިދަރިންނަށް އެމުސާރަ ޙަލާލުވާ ވަރަށް މަސައްކަތް ނުކޮށް ކާންދޭ މީހުންނަކީ މިފަދަ މީހުން ކަމަށެވެ.
މިފަދަ މުއައްސަސާތަކުގެ ވެރިން ކަނޑައެޅިގެން ދާނީ ވަޒީފާއަށް ޚިޔާނާތްތެރިވެ ގައުމާއި ރައްޔިތުންގެ މުޖްރިމުންގެ ގޮތުގައި ޑރ ޖަމީލް ވަނީ ސިފަކުރައްވާފައެވެ.
މީނޫންތޯ ގާނޫނުގެ ބާރު ކަނޑުވާލުމަކީ؟ މިތިބީ ގާނޫނީ ހުވާކޮށްގެން، ޓެކްސްފައިސާއިން ބޮޑަތި މުސާރަނަގާ އަމިއްލަ އަނބިދަރިންނަށް އެމުސާރަ ޙަލާލުވާ ވަރަށް މަސައްކަތް ނުކޮށް ކާންދޭ މީހުން. މިއީ ނޫންތޯ ވަޒީފާއަށް ޚިޔާނާތްތެރިވާ ގައުމާއި ރައްޔިތުންގެ މުޖްރިމުންނަކީ؟
— Mohamed Jameel Ahmed (@MJameelAhmed) August 6, 2025
ގައުމު ލޫޓްވާ… https://t.co/NeYoRMQE7x
ޑރ ޖަމީލް އިތުރަށް ވިދާޅުވީ މިފަދަ ބޮޑެތި ކޮރަޕްޝަން މުއާމަލާތްތައް ކޮށްފައިވާއިރު ޒާތީ ގޮތުން އަދި މިފަދަ މީހުން ހޯދާނެ ނުޙައްގު ތަނަވަސްކަމާ މުއްސަނދިކަން ރައްޔިތުންނަށް މިހާރު އަންދާޒާކޮށްލެވޭނެ ކަމަށެވެ.
ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު ވެރިކަމަށް އައުމަށް ފަހު ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ޝުޖާއުގެ ކުންފުނި ކަމަށްވާ އޮފިޝަލް އިވެންޓްސްއަށް ފައިސާ ޖަމާކޮށްފައިވެއެވެ. އެފްއައިޔޫގެ ރިޕޯޓުން އެނގޭ ގޮތުގައި 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ މި ދެ އަހަރު ތެރޭގައި އެ ކުންފުންޏަށް ސަރުކާރުގެ އެކި ކުންފުނިތަކުން ޖަމާކޮށްފައިވެއެވެ.