theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރަސްމާލެ މަޝްރޫއު ލޯންޗުކުރުމުގެ ތެރެއިން / ރައީސް އޮފިސް
ހަބަރު
ރަސްމާލެ ހިއްކުން ހުއްޓާލައިފި
Sudha Latheef
ސުދާ ލަތީފް
07 އޯގަސްޓު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓުކަމަށް މި ސަރުކާރުން އިއުލާން ކުރި ރަސްމާލެ ހިއްކުން މަޑުޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕްރޮޖެކްޓު މަޑު ޖެހުނީ ރަސްމާލޭގެ ބިން ހިއްކަން ގެންގުޅުނު ޑްރެޖަރު ފައިސާ ނުދައްކައިގެން ފުރައިގެން ދިއުމުގެ ސަބަބުންނެވެ.

އެ ޑްރެޖަރަކީ، އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެމްއެމް އެކްސްޕޯޓުގެ ޑްރެޖަރެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބިން ހިއްކުމަށް ބޭނުން ކުރި ހޮޕަރ ޑްރެޖަރު ފުރައިގެން ދިޔައީ ފައިސާ ނުދައްކައިގެން މަހެއްހާ ދުވަހު މަސައްކަތް ހުއްޓާލައިގެން އޮތުމަށްފަހު ކަމަށް މައުލުމާތު ވަނި ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްއެމް އެކްސްޕޯޓަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ނުދައްކައިގެން އެ ފައިސާ ހޯދުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތް ކޮށްފައިވެއެވެ.

އެމްއެމް އެކްސްޕޯޓުން އުއްމީދު ކޮށްގެން ތިބީ އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާ ގުޅިގެން ޕޭމަންޓެއް ހަމަޖެހޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެކަން ވެސް އެގޮތައް ހަމަ ނުޖެހުމުން އެންމެ ފަހުން ފުރައިގެން ދިޔުން ނޫން ގޮތެއް ނެތިގެން ފުރައިގެން ދިޔައީ ކަމަށް ބުނެފައިވެއެވެ.

ބިންހައްކަން ބޭނުން ކުރި ޑްރެޖަރު ފުރައިގެން ދަނީ ޑުބާއީއަށް ކަމަށް އެނގިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވި މި މަޝްރޫއުގެ ބިން ހިއްކުން މިހާރު ވަނީ އެއްކޮށް ހުއްޓިފައެވެ.

މި މަޝްރޫއު ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވެބްސައިޓް ބުނާ ގޮތުން މަޝްރޫއުގެ ބިން ހިއްކުން މިހާތަނަށް ނިމިފައި ވަނީ އެންމެ 10.8 އިން ސައްތަ މަސައްކަތެވެ.

އެޗްޑީސީ އިން ބުނާ ގޮތުގައި މަޝްރޫއު ފުރިހަމަ ވާނީ 1150 ހެކްޓަރުގެ ބިން ހިއްކުމުންނެވެ. އަދި މިހާތަނަށް ހިއްކިފައި ވަނީ 123 ހެކްޓަރުގެ ބިމެވެ. މިއީ 65،000 ހައުސިންގ ޔުނިޓް އެޅުމަށް ހިންގާ މަޝްރޫއެއް ކަމަށް ވެސް އެޗްޑީސީ އިން ބުނެފައިވެއެވެ.

ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށް ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިންގ ޔުނިޓް އަޅާނެކަމުގައި ރައީސް މުއިއްޒު ވަނީކުރިން ވިދާޅުވެފައެވެ.

މާލެ އާއި ރަސްމާލެ ގުޅުވައިލައްވާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައި ވަނީ ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލް ވެގެންދާނީ އެޓަނަލްގައި ރޭލުގައި ދުއްވާފައި ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް ކަމުގައެވެ. އަދި މިއީ ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރުންވެސް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved