theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކިތަންމެ ވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެ! / ތޭރަގްރެފިކްސް
ރިޕޯޓު
ކިތަންމެ ވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެ!
Mariyam Isaadha
މަރިޔަމް އިސާދާ
07 އޯގަސްޓު 2025
މާލެ ސިޓީ

އެއްޗެއްގެ އަސްލު ބަދަލުކުރަން ނުވަތަ އޮޅުވާލަން މަސައްކަތްކުރެވިދާނެއެވެ. ނަމަވެސް ހަގީގަތް ނިއުޅި ހާމަވާނެ ދުވަހެއް އަންނާނެއެވެ. މިއީ ދުނިޔެ ދައްކަމުންދާ ހަގީގީ ކުލަވަރެވެ.

މި ރިޕޯޓުގައި ފައިސަލާ ކޮށްލަން މިއުޅެނީ އެފަދަ ކަމަކަށެވެ. އެގޮތުން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި މ. ދިމްޔާތު ޑރ މުހައްމަދު މުއިއްޒު ނުކުންނެވީ ނަސީބު އަތުގައި ހިފާ ލިބުނު ލޮޓަރީ ޓިކެޓަކުންނޭ ބުނުމަކީ ގޮހަކަށް ނުވާނެކަން ޔަގީނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެވަޑައިގެންެވީ ރައީސް އަބްދުﷲ ޔާމީންގެ ހިޔަލުގައި ހުންނަވައިގެންކަން މިއީ މުޅި ދުނިޔެ ދަންނަ ބޮޑު ސިރެކެވެ.

އޭގެ ފަހުން އިންތިހާބު ވެވަޑައިގެންނެވުމުން ލޯފަން މީހަކު ލޮލަށް ފެނުމުން އޭގެ ކުރިން ގެންގުޅު އަސާ އެއްލާލާ ފަދައިން ރައީސް މުއިއްޒުވެސް ރައީސް ޔާމީން އަތުން ދޫކޮށްލެވީއެވެ. ކުރިއަށް އޮތީ ކަނޑު ގަދަ ދަތުރެއް ކަމާ، ތަޖުރިބާ ބޭނުންވާނެ ދުވަސްވަރެއްކަން ކުޑައިކޮށް ވެސް ވިސްނާ ނުލައެވެ.

އަރިހުގައި ތިއްބެވި ބޭފުޅުން ވިދާޅުވަމުން ގެންދެވީ އަދި މިހާރުވެސް ވިދާޅުވަމުން ގެންދަވަނީ މަނިކުފާނަށް ވާނެއޭއެވެ. މިހެން ކިޔާ އެމަނިކުފާނު ޅޮސް އުނދޯޏެއްގައި ބައިންދައިގެން ދެކޮޅަށް ހެއްލަމުން ދާއިރު ބޮލަށް އަރާ އެނބުރުމާއެކު ގައުމަށް ވާގޮތް އެމަނިކުފާނަށް ކުޑައިކޮށްވެސް ރޭކާ ނުލައެވެ. ވަޒީރުންނާ ނައިބުންނާ ސިޔާސީ މުވައްޒަފުންގެ ތެރެއިން ވެސް ގިނަ ބަޔަކު ގެންދަނީ އެމަނިކުފާނަށް އަވާމެންދުރު ދައްކާ ކަންކަން ދަނީ ރަގަޅަށް ކަމަށް ފަހުމުކޮށްދެމުންނެވެ.

ނަމަވެސް ގައުމުގައި ހިނގަމުންދާ ކަންކަމުގެ ބިތު ފަންގި ނެގީމައި އެނގިގެން ދަނީ ގައުމުގެ ފޭރާން އޮތީ ވީދި ކުދި ކުދިވެ ފަތިޖަހަން ޖެހިފައިކަމެވެ. އިގްތިސޯދު އޮތީ ވެންޓިލޭޓަރު ނޭވާ ހޮޅިއަށް އެޅިފައިކެމެވެ. ޒުވާނުން ތިބީ ބިކަވެ ކަންކަން މަތީ ބިއްޖެހިފައިކަމެވެ. ރައްޔިތުން ތިބީ އަނގަޔާ އަތާ ދިމާ ނުވެ ހަނާ ވެފައިކެމެވެ.

ނަމަވެސް އަދިވެސް ސިޔާސީ އަރިސް މީހުން ގެންދަނީ ރައީސް މުއިއްޒު ވަރުގެ ވެރިއަކު ނެތް ކަމަށް ދައްކާ ސަނާ ކިޔާ ޕޯސްޓުކޮށް އެމަނިކުފާނުގެ ނާގާބިލުކަން ފޮރުވަން އޮފު އަރުވަމުންނެވެ. ނަމަވެސް މިއަދު ނުފޯރާ ފޮތިން ފޫގަޅަން ހަދައިގެން މުޅި ސަރުކާރު ބަރަހަނާ ވެ ނިމިއްޖެއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެކަން ޔަގީނެވެ.

ރައީސް މުއިއްޒުއަށް ގައުމުގެ އިގްތިސޯދު މެނޭޖު ނުކުރެވި ސަލާމުގެ ނާށިގަނޑު ހިފައިގެން އިންޑިއާ ފައިބުޑަށް ވެއްޓި ރޮއި އާދޭސްކޮށް ކުރިން ބުނި ހުރިހާ އެއްޗެއް ކެންސަލްކޮށް ދަރަނި އިތުރަށް ނަގައި މިނިވަން ދުވަހުގެ އުފާވެރި މުނާސަބާގައިވެސް ދިވެހިންގެ ކަރުގައި އެޅުވީ ދަރަނީގެ މަޅި ފައްޗެކެވެ.

ގައުމުގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލިޔަސް ފެންނަނީ މާޔޫސްކަމެވެ. ރައްޔިތުން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. އާމްދަނި އިތުރުނުވެ ތަކެތީގެ އަގު އަރައިގެން ގޮސް ބޮންތީގައެވެ. ދައްކަން ޖެހޭ ޓެކްސް އިތުރުވަނީއެވެ. މަތި ވަނީއެވެ.

މިއީ މުރަނގަ ގަސް ދޮށު މާލިމީއަކު ވެރިކަން ކުރީމާ ފެންނާނެ މަންޒަރެވެ. އެ ކަންވާރަކުން ނުކުންނާނީ އެކަންވާރެއްގައި ހުރި ދިޔައެއްތާއެވެ. ފޮތެއް އޮތަކަސް އެދުރެއް ނުވާނެއޭ ބުނާ ފަދައިން ކިޔަވައި ވިދާޅުވެގެން ޕީއެޗްޑީ ނެންގެވިޔަސް އަދި ވެރިކަމަށް ކުފޫ ހަމަނުވެދާނެއެވެ. ތަތްގަނޑުތަކާ އެއްޗެހި ވަގަށް ނަގައިގެން ވެރިކަމަށް ވަޑައިގެން އަރިސް ބޭފުޅުން ލައްވާ މަނިކުފާނުގެ އޮފު އަރުވަން ކިތަންމެ ސަނާ ކިޔުއްވާ ކިތަންމެ ވަރަކަށް ދޮންކުރިޔަސް، ދުނބުރި އެއް އަނބަކަށް ނުވާނެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?