

ކުރިއަށް އޮތް މަދު ދުވަސކޮޅެއްގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ނިސްބަތްވާ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން އެ ޕާޓީ ދޫކޮށް ނުކުންނާނެ ކަމަށް ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް އޭނާގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވަނީ ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާ މެދު މެމްބަރުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާއެވެ. އައްބާސް ވިދާޅުވެފައިވަނީ، ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 ނުވަތަ 14 މެންބަރަކު، މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮ ކަމަށް "ގައުމާއި ރައްޔިތުންގެ ހައްގުގައި" ޕާޓީ ދޫކޮށްލައި ރައްޔިތުންގެ ފަޅިއަށް އަރާނެކަން ޔަގީންވާ ކަމަށެވެ.
އަބަދު މަންމަނުވެގެން ނުތިބެވޭނެ ކަމާއި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ބަސް ބުނާނެ ކަމަށް ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ފާހަގަކުރައްވާފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވެފައިވެއެވެ. އައްބަސް ވިދާޅުވެފައިވާ ގޮތުގައި ޕީއެންސީ ޕީޖީ ގްރޫޕުގެ ބއްދަލުވުމުގެ ރެކޯޑިން ވެސް ލިބިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެއްވެސް ބައެއް ނޫން ކަމަށް ދެކި އަދި މަޝްވަރާ ކުރުމެއް ނެތި ކުއްލި ކުއްލި ކަންކަން ކުރައްވާ ތަން ބަލަން ނުތިބޭނެ ކަމާއި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ވެސް މަޝްވަރާ ކުރުމެއް ނެތި މަޖިލީހަށް ހުށައަޅާ ބިލްތަކަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި ކަމަށް އައްބާސް ވިދާޅުވިއެވެ.
ބުދަ ދުވަހަކީ ކައުންސިލްތަކުގެ ބާރު ނެގުމަށްޓަކައި، ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް މަޖިލީހުގެ ތަޅުމުން ފާސްކުރި ދުވަހެވެ. އެ ބިލް އަނބުރާ ގެންދިޔުމަށް ގިނަ ކައުންސިލްތަކަކުން ގޮވާލާފައި ވާއިރު، އެ ބިލް އަދި ތަސްދީގެއް ނުކުރައްވައެވެ.
ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައިި ޕީ.އެން.ސީ ގެ 13 ނުވަތަ 14 މެންބަރުން ގޮޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވާ ޤައުމާއި، ރައްޔިތުންގެ ހައްޤުގައި ޕީ.އެން.ސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެކަމީ ޔަގީން ކަމެއް..އިއްޔެ ބޭއްވުނު ޕީ.އެން.ސީ ޕީޖީ ގްރޫޕް ގެ ބައްދަލުވުމުގައި…
— Mohamed Abbas (@Abbasvelidhoo) August 7, 2025
ރަށްރަށުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިނގާތީވެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
އެގޮތުން ދާއިރާތަކުގެ ތަރައްގީ އެއްވެސް މިންވަރަކަށް ނުހިނގާ ކަމާއި މޮޅެތި ބަސްތައް ވިދާޅުވުމާއި ޕްރޮޖެކްޓުތައް އިއުލާން ކުރެއްވުމާއި ބިންގާ އެޅުން ނޫން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ރުޅިގަދަވެ މާޔޫސްވެފައި ތިބިކަމަށް މެންބަރުން ޕީޖީ ގްރޫޕް ބައްދަލުވުމުގައި ވިދާޅުވި ކަމަށްވެސް އައްބާސް ލިޔުއްވާފައިވެއެވެ.
އެ ބައްދަލުވުމުގައި އެންމެބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި މެންބަރަކީ، އައްބާސް ވިދާޅުވި ގޮތުގައި ފުވައްމުލަކު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހިމް ހުސައިން އެވެ. އޭގެ އިތުރުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކުގެ އުދާސްތައް ވެސް ބަންޑުންކޮށްލި ކަމަށް ބުނެ އެވެ. އައްބާސްގެ ވާހަކަތައް ހުސްނީ މުބާރިކު ދޮގުކުރުމުން އައްބާސް ވަނީ ތަކުރާރުކޮށް އެ ބައްދަލުވުމުގެ ރެކޯޑިން އޮތް ކަމަށެވެ.