

ދިވެހިރާއްޖޭގެ މިހާރުގެ ރައީސް، ޑރ މުހައްމަދު މުއިއްޒު އަމިއްލަފުޅަށް އެމަނިކުފާނަކީ ޚުދުމުހުތާރު ވެރިއެއްކަމަށް ސިފަވާ މޭރުމަކުން ބުނަމުން އަންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ރަނގަޅު ކަންކަން ކުރައްވާނަމަ އެފަދަ ކަންކަންވެސް ފާހަގަކުރައްވާފައި އެއްބާރުލުންވެސް ދޭނެ ކަމަށާއި ނަމަވެސް މިހާރުގެ ސަރުކާރުގެ ހުރިހާ ދިމާލަކުންވެސް ފެނިގެންދަނީ ވައްކަމާއި ކޮރަޕްޝަން ކަމަށެވެ.
ސަރުކާރުގެ ކޮންމެ ދިމާލަކުންވެސް "ފަހުބަސް" އިއްވާނީ ތިމަންނާކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު ސަރުކާރުގެ ތެރެއިން ހިނގަމުންމިދާ ކޮރަޕްޝަނާއި ޖަރީމާތަކަކީ ސީދާ މުއިއްޒަށް އެގިގެން އަދި މުއިއްޒުގެވެސް ބައިވެރިވުން އޮންނާނެ މައްސަލަތައް ކަމުގައި ރައީސް ޔާމީންގެ އިތުރުން ޖަލްސާގެ ބައިވެރިންވެސް ވަނީ ފާހަގަކުރައްވާފައެވެ.
މުއިއްޒު އަމިއްލަފުޅަށް ވިދާޅުވީ ސޯޝަލް ސެންޓަރުގައި ވާހަކަ ދައްކަމުން ސަރުކާރުގެ ކޮންމެ ދިމާލަކުން އެންމެ ފަހު ބަސް އިއްވާނީ ތިމަންނާ ކަމުގައި. އެހެންކަމުން މުއިއްޒު އަމިއްލައަށް އެ ދަންނަވަނީ ތިމަންނާ މިއީ ޚުދުމުހުތާރު ވެރިއެއްކަމަށް.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ކުންފުނިތަކާއި މުވައްސަސާތަކަށް މުއިއްޒު އަތް ބާނަން ނުޖެހޭނެ ކަމަށާއި ކުންފުނިތަކުގެ ބޯޑް އޮފް ޑައިރެކްޓަރސް ތިއްބަވާނެ ކަމަށާއި އެންމެ މަތިން ބަސް ބުނަން ޖެހޭނީ އެ ފަަރާތްތަކުން ކަމަށެވެ.
މިއީ މުއިއްޒު އުފުއްލަވަން ޖެހޭ ޒިންމާއެއް ނޫން ކަމަށާއި ކުންފުނިތަކުގެ ޑިރެކްޓަރުންނަށް ގާނޫން ޖިނާއި ދައުވާވެސް މިފަދައިން ކަންތައް ކުރައްވާނަމަ އެޅޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ކުންފުނިތައް މެދުވެރިކޮށް މުއިއްޒު ގެންދަވަނީ ސިޔާސީ ގޮތުން އަމިއްލަ މަންފާތަކަށް ލާރި އެއްކޮށް ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވަމުން ކަން ފާހަގަކުރެވެއެވެ.
ހަމަ މިއާއި އެކު، ގައުމު ހިންގަން މުއިއްޒު ނުފަރިތަ ކަމަށާއި ގައުމެއް ހިންގުމުގެ އެއްވެސް ހަރުދަނާ ސިޔާސަތުތަކެއް މުއިއްޒުގެ ކިބައިގައި ނެތް ކަމަށް ފާހަގަކޮށް ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.