

ރައްޔިތުންގެ ފައިސާއިން، ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ސަރުކާރުގެ މުޢާމަލާތްތައް ހިންގުމަކީ ޤާނޫނުން ލާޒިމުކުރާ ކަމެއް ކަމަށް ރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކަމަށް ބުނެ، ސަރުކާރުން ކުއްލިޔަކަށް އެންސިސް ކުންފުންޏާއެކު ހިންގާ ބޮޑު މުޢާމަލާތަކީ ކޮންކަމެއް ޙާސިލްކުރުމަށް ނިންމި ނިންމުމެއްކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށެވެ. އަދި މިކަން އޮތީ ބޮޑު ސިއްރެއްގެ ތެރޭގައި ކަމަށެވެ.
ޑރ. ޖަމީލް އެކްސް ގައި ކުރެއްވި ޕޯސްޓުއްގައި ވަނީ، މި މުޢާމަލާތަކީ ބޮޑު ޚިޔާނާތަކަށް ވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ޑރ. ޖަމީލްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ސަރުކާރަކީ ރައްޔިތުންގެ އެއްޗެކެވެ. އަދި ސަރުކާރު ހިންގަނީ ރައްޔިތުންގެ ފައިސާއިންނެވެ.
މިހާރު މަސްވެރިންނަށް މަހަށް ހަމަ އަގެއް ނުދެވޭ ކަމަށާއި ވޯލްޑް ބޭންކްގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގެ މަހުގެ އެކްސްޕޯޓް މިންވަރު ވަނީ 50 ޕަސެންޓް ދަށަށް ގޮސްފައި ކަމަށް ޑރ ޖަމީލް ވަނީ ފާހަގަކޮށްފައެވެ.
މިފަދަ ދަނޑިވަޅެއްގައި، ސަރުކާރުން ކުރާ ކޮންމެ މުޢާމަލާތެއް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކުރަން މާލީ ޤާނޫނު ލާޒިމުކުރާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އަދި އެންސިސްއާއެކު ހިންގާ މި މުޢާމަލާތަކީ އެގޮތަށް ކުރެވޭ ކަމެއްތޯ ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް ޑރ ޖަމީލް ވިދާޅުވިއެވެ.
ޑރ. ޖަމީލް ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ، މިހާރުގެ މާލީ ވަޒީރު ޒަމީރު، ކުރިންވެސް އެންސިސްއާއެކު މަހުގެ ފެކްޓްރީތަކެއް ވިއްކާފައިވާ ކަމެވެ. މިހާރު އެމަނިކުފާނަކީ މާލީ ވަޒީރުކަމުން، އެންސިސްއާއެކު ކުރާ މި މުޢާމަލާތުގައި "މަސްލަޙަތު ފުށުއެރުން" އިންތިހާއަށް އޮތްކަން ޑރ. ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ.
އެންސިސްއާއެކު ކުރާ މި މުޢާމަލާތަކީ ކިހާވަރެއްގެ ޒަރޫރަތެއް އޮވެގެން ކުރާ ކަމެއްތޯއާއި، އެ ތަނުގެ އަގު ކަނޑައެޅުނު ގޮތާއި، މަސްވެރިންނަށް މިކަމުން ކުރާނެ ފައިދާ ހާމަނުކޮށް މިކަން ކުރުންވެގެންދާނީ ބޮޑު ޚިޔާނާތަކަށް ވާނެ ކަމަށް ޑރ. ޖަމީލް ވަނީ ހާމަކުރައްވާފައެވެ.
ޑރ. ޖަމީލްގެ ޕޯސްޓު ނިންމާލައްވަމުން ވިދާޅުވެފައިވަނީ، މާލީ ވަޒީރު ޒަމީރަކީ މިހާ ހިސާބަށް ފެނުނު އެންމެ ލަދުކުޑަކޮށް، ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ބޮޑެތި ކަންތައްތައް ބިރެއް ނެތި ހިންގާ ވަޒީރެއް ކަމަށެވެ. މިފަދަ ބޮޑެތި ތުހުމަތުތަކެއް މާލީ ވަޒީރަށް ކުރެވިފައިވާއިރު، ސަރުކާރުގެ އިތުބާރުގެ މައްޗަށް ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.