
ދިވެހި ރައްޔިތުން ތިބީ މިއަދު އަނގަޔާ އަތާ ދިމާނުވާހާ ވެސް ހާލަތު ދެރަކޮށް ކަމަށާ އެ ހާލަތުގައި އެ ރައްޔިތުންގެ ފައިސާއިން ރައީސުލްޖުމްހޫރިއްޔާ ކެއުމާ ބުިއމުގެ ކަންކަން ހަމަޖައްސަން ލަދުގަންނަން ވާނެ ކަމަށް ޕީއެންއެފްގެ ފައުންޑީން މެމްބަރު އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޝާރާތްކުރައްވާފައިވަނީ މިވަގުތު ރައީސް ޑރ މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށެވެ.
އެގޮތުން ވައްޑެ ވިދާޅުވެފައިވަނީ ބާޒާރުގައި ތަކެތީގެ އަގު ދަނީ އިންތިހާއަށް އުފުލެމުން ކަމަށާ ޑޮލަރެއްގެ އަގު 20.30ރ އަރައިފި ކަމަށެވެ. މި ފަދަ ހާލަތެއްގައި ގައުމުގެ ކަންކަން އޮތް އިރު ރައްޔިތުންގެ ޖީބުތަށް ހުރީ ހުސްކޮށް ކަމަށާ މިހާލަތުގައި ރައްޔިތުން ތިއްބާ ރާއްޖޭގެ ރަށްރަށަށް އަރައިވަޑައިގެން އެރައްޔިތުންގެ ފައިސާއިން ކައިބޮއިހަދަން ރައީސް މުއިއްޒު ލަދުގަންނަން ވާނެ ކަމަށެވެ.
މީގެ އިތުރުން ޕީއާރު ޖައްސަން ފޮޓޯ ނަގަން ތުއްތު ކުދީން އަވީލާއިރު ދަރީންގެ ދަރީންނަށް ދާންދެން ސަރުކާރުން ގައުމު ދަރުވައިފި ކަމަށްވެސް ވައްޑެ ވިދާޅުވެފައިވެއެވެ.
ވައްޑެ މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ބާޒާރުގައި ތަކެތީގައި އަގު އިންތިހާއަށް އުފުލި އާންމު ރައްޔިތުން ގެންދަނީ ދިރިއުޅުމަށް ބުރޫ އަރާ ކަމަށް ބުނަމުންނެވެ.










