theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް މުއިއްޒު / ރައީސް އޮފިސް
ސިޔާސީ
ކައުންސިލްތަކަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ނަގަން ރައީސް މުއިއްޒު މަޖުބޫރު ކުރައްވައިިފި
Sudha Latheef
ސުދާ ލަތީފް
14 އޯގަސްޓު 2025
މާލެ ސިޓީ

ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރުތައް ހަނި ކުރަން ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށްފަހު، ކައުންސިލްތަކަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކޮށް އަނެއްކާ ވެސް ގާނޫނު އިސްލާހުކުރާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ކުރައްވާ ދަތުރުގައި ދަރަވަންދޫއަށް ވަޑައިގެން ރޭ ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން އާމްދަނީ ހޯދަނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ. އެގޮތުން ގާނޫނުގައި އޮތް ގޮތަށް ކައުންސިލަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކުރުވަނީ ވެސް ރައްޔިތުންނަށް ސަރުކާރުން ކަންކަން ކޮށްދޭން މަގުފަހި ކުރުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކައުންސިލުތަކަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކުރުމުން އޭގެ ސަބަބުން ރައްޔިތުން ބާރުވެރިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލްތަކުން ސަރުކާރަށް ދައްކަން މަޖުބޫރުކުރާ ޓެކްސް ފައިސާއިން ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ ކަމަށް ވިދާޅުވެ ރޭ ދެއްވި ތަގުރީރުގައި ރައީސް މުއިއްޒު ވަނީ އެ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ. އެކަމަކު ކައުންސިލްތަކަށް ލިބޭ ފައިސާ ވެސް ހޭދަކުރަނީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށްކަން ފާހަގަކުރެވެ އެވެ.

ކައުންސިލްތަކުން ސަރުކާރަށް ޓެކްސް ނަގަން މަޖުބޫރުކޮށް ގާނޫނު އިސްލާހުކުރާނެކަން ސަރުކާރުން މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ. މީގެއިތުރުން އެފަދަ އިސްލާހެއް ލާމަރުކަޒީ ގާނޫނު އެންމެ ފަހުން އިސްލާހުކުރިއިރު ވެސް ދައްކާފައެއް ނުވެ އެވެ.

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ހުރަސްއެޅޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް، މިހާތަނަށް އެ އިސްލާހު މުއިއްޒު ތަސްދީގުކުރައްވާފައެއް ނުވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved