theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއިއްޒު / ރައީސް އޮފިސް
ސިޔާސީ
ކައުންސިލްތަކުގެ އާދޭސްތަކަށް ބީރު ކަންފަތެއްދީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު މުއިއްޒު ތަސްދީގުކޮށްފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
15 އޯގަސްޓު 2025
މާލެ ސިޓީ

ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކުރާ އިސްލާހުގެ ބިލު ތަސްދީގުނުކުރަން 80 އަށްވުރެ ގިނަ ކައުންސިލްތަކުން އެދިފައިވަނިކޮށް، އެ ކައުންސިލުތަކުގެ އާދޭސްތަކަށް ބީރު ކަންފަތެއްދީ ލާމަރުކަޒީ ގާނޫނުގެ އިސްލާހު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ދޭތެރޭ ކައުންސިލުތަކުން ކަންބޮޑުވުން ފާޅުކޮށް ނޫސް ބަޔާންތައްވެސް ނެރެފައިވާއިރު، މިދިޔަ ހަފްތާ ބުދަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ވަނީ ސަރުކާރުގެ ސުޕަ މެޖޯރިޓީއާއި އެކު ފާސްކޮށްފައެވެ.

މަޖިލީހުން ބިލު ފާސްކޮށްފައިވީ ނަމަވެސް، ރައީސް މިހާރު އަތޮޅުތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ކޮންމެ ރަށެއްގެ ކައުންސިލުން ކަހަލަ ގޮތަކަށް ރައީސް މުއިއްޒުގެ އަރިހުގައި މި ބިލު ތަސްދީގުނުކުރުމަށް އާދޭސް ދަންނަވާފައިވެއެވެ.

ތަސްދީގު ކުރެވުނު މި އިސްލާހާއި ގުޅިގެން ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވެފައިވެއެވެ.

އިސްލާހުގައިވާ ގޮތުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެކެވެ.

މީގެ އިތުރުން އެ އިސްލާހުގައި ބުނެފައިވަނީ ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.

ކައުންސިލުތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް މުއިއްޒު ވިދާޅުވީ މި އިސްލާހު ފާސްކޮށްފައިވަނީ ކައުންސިލުތަކުން އެ ކައުންސިލްތަކުގެ އެކައުންޓްތަކުގައި ހުންނަ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާތީ ކަމުގައެވެ.

ނަމަވެސް މިއީ ގައުމުގެ "ފުލް ކޮންޓްރޯލް" ސަރުކާރަށް ނެގުމަށް ނެގި ފިޔަވަޅެއް ކަމަށް ގިނަ ކައުންސިލުތަކުން އަންނަނީ ފާހަގަކޮށް ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved