

މާލޭގެ ކަރަންޓްގެ މައްސަލަ ހައްލުކުރަން ރައީސް މުހައްމަދު މުއިއްޒުގެ ވިސްނުން ހުރީ ނިއުކްލިއަރ އެނާޖީ އާއި ދިމާކަމަށް ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް ދެއަހަރު ވާން ކައިރި ވެފައިވާ އިރު މިލިޓަރީ ގޮތުން މި ގައުމު ވަރުގަދަ ކުރަން މުއިއްޒު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހަނގުރާމައަކަށް ސަރުކަާރުން ތައްޔާރުވަމުން އަންނަ މަންޒަރު ސިފަވާ ކަމަށެވެ.
މިގޮތުން ތުރުކީ އިން 35 މިލިއަން ރުފިޔާގެ ޑްރޯންތަކާއި އަސްކަރީ މަނަވަރެއް ގެނެސްފައިވާ ކަމަށާއި އަދި މިލިޓަރީ ޓޭންކަރުތައްވެސް ގެނެސް މިލިޓަރީގޮތުން ބޮޑެތި އިންގިލާބުތައް ގެނެސްފައިވާ ކަމަށް މަލީހް ވަނީ ވިދާޅުވެ މި ގައުމު ހިފުމަށް މިހާރު ދަތިވާނެ ކަމަށް ބުނެ މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މާލެއާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ރާއްޖެ މިދަނީ ނިއުކްލިއަރ އެނާޖީއާއި ދިމާލަށް ކަމަށެވެ.
މިލިޓަރީ ދާއިރާގެ ބޮޑު އިންގިލާބީ ބަދަލުތަކެއް މުއިއްޒު ގެންނަވާތަން އަޅުގަނޑަށް ފެނިގެންދަނީ. ބޮޑު ހަނގުރާމައަކަށް ތައްޔާރުވަމުން ގެންދަވާ މަންޒަރު މި ފެންނަނީ. އަޅުގަނޑުމެންނަށް ޔަގީން ބޮޑެތި ބާރުތަކުން ރާއްޖެ ނޭރޭނެކަން މިހާރު.
މިއާއިއެކު މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ގެ ކޮއްކޮ ކަމަށްވާ ޑރ ސަލްމާ ރަޝީދަށް މަލީހްގެ ޚާއްސަ ޝުކުރެއް ދަންނަވާ ވިދާޅުވީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީއާއި މެމްބަރޝިޕް ހަދާ ރާއްޖޭގެ ސްޓެލްކޯ ނިއުކްލިއަރ ސައިޓަކަށް ހަދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެ މަޖާޒީ ގޮތަކަށް މަލީހް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
މުއިއްޒު ވެރިކަމާއި ހަވާލުވި ފަހުން މާލެ ސަރަހައްދުން ކަރަންޓް ކެނޑުން އާންމު ކަމަކަށްވެ އާންމުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ލޮލަށް ނުފެންނަ އެތަކެއް ތަރައްގީއެއް މުއިއްޒު މި ގައުމަށް ގެނެސްދީފައިވާ ކަމަށާއި މި ތަރައްގީތަކުން ރައްޔިތުންނަށް ވާ ފައިދާއަށްވުރެ ވަނީ ގެއްލުމާއި ތަކުލީފުކަމަށް މަލީހް ފާހަގަކުރެއްވިއެވެ.