

ޖުޑިޝިއަރީއަށް ނުފޫޒު ނުފޯރުވާނެކަމުގެ ވައުދާ އެކު ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު އަމަލު ކުރައްވަމުން ގެންދަވާ ގޮތާ މެދު ރައީސް އަބްދުﷲ ޔާމީންގެ މަޖާޒީ ފާޑުވިދާޅުވުމެއް އަމާޒުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އަދުގެ ސަރުކާރުން ވެސް ވަކި މީހަކަށް ވަކި ގޮތެއް ޝަރުއީ ނިޒާމުގެ ތެރެއިން ގެންގުޅޭ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައިގައި އުފުލާފައިވާ ދައުވާތަކަށް ލުޔެއް ނުދެއްވާ އެމަނިކުފާނާ އެކު ހަމަ އެ މައްސަލައިގައި ދައުވާކޮށްފައި ތިބި އެހެން މީހުންނަށް ލުއި ދީފައިވާކަން ވެސް ފާހަގަކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވެސް ވަޑައިގެންނެވީ ނިމިދިޔަ ސަރުކާރުން ސެލެކްޓިވް ޖަސްޓިސެއް ގެންގުޅޭ ކަމުގެ ތުހުމަތާއެކު ކަމާ އެމަނިކުފާނަކީ އެކަމުގެ ޝިކާރައަކަށްވެފައި ހުންނެވި ބޭފުޅެއްކަން ފާހަގަކުރައްވަމުން ކަމަށްވީ ނަމަވެސް ޖުޑިޝިއަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވެސް ވަނީ ސުޕްރީމު ކޯޓުވެސް އެ ފުށް މިފަށަށް ޖަހާ މުޅި ބެންޗު މުށު ތެރެއަށް ލައްވާފައި ކަމަށެވެ.
ރައީސް މުއިއްޒު އަދުލު އިންސާފަށް އަތެއް ނުބާނާ، އެކަމަކު ސުޕްރީމު ކޯޓުވެސް އެފުށް މިފުށަށް ޖަހައިފި
ރައީސް ޔާމީން ވިދާޅުވީ، ގޯސް ހުކުމް ކުރި ފަނޑިޔާރުންގެ މައްސަލަވެސް ބަލާނެ ކަމަށް ބުނެ އައިސް އެ ފަނޑިޔާރުންނަށް ހަދިޔާ ދީ ނަގާ އެރުވީ ބޮންތިއަށް ކަމަށެވެ.
ބެލެވޭ ގޮތުގައި ރައީސް ޔާމީން އެ އިޝާރާތްކުރެއްވީ ފަނޑިޔާރު އަލީ ރަޝީދާ. ކުރީގެ ފަނޑިޔާރު ޝަކީލުގެ އިތުރުން ފަނޑިޔާރު ސަލީމުއަށް މިސަރުކާރުން ދިން މަގާމުތަކާ ރިތަޔަރމަންޓު ފައިސާއަށެވެ.