March 17, 2026
Advertisement
އައްޑޫމީދޫ
އައްޑޫމީދޫ / ސޯޝަލް މީޑިއާ

ކައުންސިލް އިންތިޚާބު ބޯމަތިވެފައިވަނިކޮށް އައްޑޫ ސިޓީ ކައުންސިލުން ޓުއަރިޒަމް ޒޯންތަކުގެ ބިންތައް ގަވާއިދާއި ޚިލާފަށް ދޫކުރަނީ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 18, 2025, 07:59 PM
މާލެ ސިޓީ

އައްޑޫ ސިޓީ ކައުންސިލުން ގަވާއިދާއި ޚިލާފަށް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވަނިކޮށް އައްޑޫގެ ބިންތައް، ޚާއްސަކޮށް ގަވާއިދާއި ޚިލާފަށް ޓުއަރިޒަމް ޒޯންތަކުގެ ބިން ދެމުންދާ މައްސަލަ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަޙްމާން ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމިޓީއަށް ހުށަހަޅާފިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވާ އަބްދުއްރަހްމާން ހުށަހަޅާފައިވާ ސިޓީގައި ބުނެފައިވަނީ އައްޑޫ ސިޓީ މީދޫ ޓުއަރިޒަމް ޒޯންގެ ބިމުން ބޮޑުބައެއް އަމިއްލަ އެންމެ ފަރާތަކަށް ބިޑްކުރުމެއް ނެތި ގަވާއިދާއި ޚިލާފަށް ދޭން ހަމަޖެއްސުމާއި ގުޅިގެން، އާންމުންނާއި އައްޑޫ ޓުއަރިޒަމް ސެކްޓަރުގެ ސްޓޭކް ހޯލްޑަރުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ.

މިގޮތުން މީދޫ ޓުއަރިޒަމް ޒޯންގެ ޕްލޮޓް ނަންބަރު ބީ1، ސީ5، ސީ4 މި ބިންތައް (ޖުމްލަ 17500 އަކަފޫޓް) ކުށްޔަށް ނެންގެވި ފަރާތަށް، މި ތިންބައި އެއްކޮށް، މިތަންތަން ހިމަނައިގެން ޖުމްލަ 6000 އަކަމީޓަރު ކުއްޔަށް އަދި އެއާއި އިންވެގެންވާ ބިމާއި އެއްލައްކަ އަކަފޫޓަށް ވުރެ ބޮޑުބިން ވާ ގޮތަށް ރައްޔިތުންނާއި ސްޓޭކްހޯލްޑަރުންނާއި މަޝްވަރާ ކުރުމެއްނެތި، ބިދް ކުރުމެއްނެތި ރައްޔިތުންގެ ހައްގު އުނިވާގޮތަށް ކައުންސިލުން ދީފައިވާ ކަމަށްވެސް މި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން 27 ފެބްރުއަރީ 2025 ވަނަ ދުވަހު ބޭއްވުނު ޓުއަރިޒަމް ކޮމިޓީގެ 46 ވަނަ ބައްދަލުވުމުގައި ބީ1، ސީ5، ސީ4 އެއް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވެއެވެ. ނަމަވެސް ފެހިމޫ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއި ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް 2021 ވަނަ އަހަރު ހަވާލުވެ، އެގްރީމެންޓާއި އެއްގޮތަށް އަމަލުނުކުރުމުގެ ސަބަބުން ކައުންސިލުގެ 2024 ވަނަ އަހަރުގެ 13 ވަނަ ޖަލްސާގައި 2024 މެއި 02 ވަނަ ދުވަހުން ފެށިގެން އެގްރީމެންޓް ބާތިލްކަމަށް ނިންމައި އެގްރީމެންޓްތައް ބާތިލުކުރެވިފައިވާ ބީ1، ސީ5 ޕޮލްޓްތަކުގެ އެގްރީމެންޓްތައް 01 އަހަރު ފަހުން ރީއިންސްޓޭޓްކޮށް މިތިން ބިމުގެ އެއްބަސްވުން އެކައްޗަކަށް ހަދާ، ސަންވިލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ދޭން ނިންމާފައިވާ ކަމަށް ސިޓީގައިވެއެވެ. ކައުންސިލުގެ މި ނިންމުމުގައިވެސް މި ދެންނެވުނު ކުންފުންޏަށް ބިންތައް އެއްކުރުމުން ވާ 17500 އަކަފޫޓްގެ އިތުރަށް ބިން ދޭން ނިންމާފައިނުވެއެވެ. ނަމަވެސް މި ނިންމުން ރިއާޔަތްކޮށް އެ ކުންފުންޏަށް 64583 އަކަފޫޓްގެ ބިން ވަނީ ދިފައި ކަމަށް މި ސިޓީގައިވެއެވެ.

މީދޫ ޓުއަރިޒަމް ޒޯނަކީ މީދޫ ރައްޔިތުންގެ ނުހަނު ގިނަ އުއްމީދުތަކާއި ގުޅިފައިވާ އަދި ގިނަ ފަރާތްތަކުން އެތަނަށް ޝައުގުވެރިކަން ހުރި އައްޑޫމީދޫގެ އެންމެ ޕްރައިމް ލޮކޭޝަން ކަމަށްވާއިރު އެތަން ވަންވާނީ މި ދާއިރާގެ ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ލިބިދޭންޖެހޭ ތަނަކަށް ކަމަށް އަބްދުއްރަހްމާން ބުނެފައިވެއެވެ.

މިފަދަ ޒިންމާދާރުކަން ކުޑަ ކަންތައްތަކަކީ ރައްޔިތުން ކައުންސިލުތަކަށާއި އަދި ސަރުކާރަށްވެސް ކުރާ އިތުބާރު ދަށްވާނެ ކަމެއް ކަމަށް މި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved