theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއިއްޒު / ރައީސް އޮފިސް
ސިޔާސީ
ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް މީޑިއާ ކޮންޓްރޯލް ކުރަން އާ ބިލެއް!
Sudha Latheef
ސުދާ ލަތީފް
18 އޯގަސްޓު 2025
މާލެ ސިޓީ

ނޫސްތަކުގެ ރަޖިސްޓްރީ ބާތިލު ކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އުސޫލުތަކެއް ހިމަނައި، ސަރުކާރަށް މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ފަރުމާކޮށް އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މިއަދު މަޖިލީހަށް ހުށަހެޅީ ހަމަ އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށް އެ ބިލުގައި ވަނީ ބުނެފައެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.

ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ހުށަހަޅާ ކޮންމެ މައްސަލައެއް ވެސް އެ ކޮމިޝަނަށް ބެލޭނެ އެވެ. އެކަމަކު، މައްސަލައިގައި ބުނާ ހާދިސާ ހިނގިތާ އަހަރެއް ފާއިތުވެފައި އޮވެގެން ނުވާނެ އެވެ. އެހެންކަމުން، އެ ބިލު ތަސްދީގު ކުރާތާ އަހަރެއް ކުރިން ހިނގާފައިވާ ކަންކަމާ ގުޅޭ މައްސަލަތައް ވެސް ކޮމިޝަނަށް ބެލޭނެ އެވެ.

ބިލުގައިވާ ގޮތުން، ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. ސިވިލް ސާވިސް ކޮމިޝަނަކީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved