March 20, 2026
Advertisement
މަޖިލިސް ރަސް ރިޔާސަތުގައި
މަޖިލިސް ރަސް ރިޔާސަތުގައި / -

މުހިއްމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ ދިގު ދަންމާލި ދައުރު، ވީނުވީ ނޭނގި ކުރުކޮށްލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 19, 2025, 08:20 PM
މާލެ ސިޓީ

ރައްޔިތުންގެ ހައްގުގައި މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބުނެ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ދަންމާލި ދައުރު ވީނުވީ ނޭނގި މިއަދު ކުއްލިއަކަށް ކުރުކޮށްލައިފިއެވެ.

Advertisement

މަޖިލީހުގެ ރައީސް އަބްދުއްރަހީމު ވަނީ މިއަދު މަޖިލިސް ތަޅުމަށް ހުށަހެޅި މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަށް ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ތުޅާދޫ ދާއިރާގެ، ސަރުކާރާ ގުޅުން ބޮޑު އަމިއްލަ މެންބަރު، އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަށް މެމްބަރުން ބަހުސްކުރައްވަމުން ގެންދަވަނިކޮށް، އެ މައްސަލަ ދިރާސާ ކުރަން ގިނަ މެމްބަރުން ބޭނުންވާތީ ބިލަށް ބަހުސްކުރުން މެދު ކަނޑާލާ ދައުރު ނިންމާލީކަން އިއުލާން ކުރައްވާފައެވެ.

ދައުރު ކުރުކޮށްލެވިކަމަށް މަޖިލިސް ރައިސް އިއުލާންކުރެއްވިއިރު ކުރިން އޮތީ ބުރާސްފަތި ދުވަހާ ހަމައަށް ދައުރު ދަންމާލާ ގޮތަށް ނިންމާފައެވެ. ނަމަވެސް މިއަދު ކުއްލިއަކަށް ދައުރު ކުރުކޮށްލި ސަބަބެއް ހާމަކުރައްވާފައިނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ގެންދަނީ ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަން ދަނީ މަސައްކަތްކުރަމުންނެވެ.

މި ނިމުނު ދައުރު ދަންމާލި މުއްދަތުގައި މާ ބޮޑު މަސައްކަތެއް ނުކުރި ކަމުގައި ވިޔަސް، އިންޝުއަރެންސް ބިލާއި، އެމްއެމްއޭގެ ކުންފުނި "ޕޭމަންޓް މޯލްޑިވްސް" އުފެއްދުމަށް ގައުމީ ޕޭމަންޓް ސިސްޓަމަށް ގެނައި އިސްލާހު ފާސްކޮށްފައިވެއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރަން ރުހުން ދީފައެވެ.

މީގެ އިތުރުން، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމާލަން އިތުރު ދެ އަހަރު ދޭން މަޖިލީހުން ގާނޫނު އިސްލާހުކުރުމާއި، ކައުންސިލްތަކަށް ލިބިދޭ ބައެއް ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ފާސްކުރުން ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved