ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ދިވެހީންގެ ވެރިކަން ދެވަނަ ފަހަރަށް ފުރޮޅުނު ފަހުން 66 އަހަރު ވެއްޖެއެވެ. ނަމަވެސް މިހާރު ފެންނަމުން ދާ ބައެއް މަންޒަަރުތަކުން ގައުމުގައި އޮތީ ކޮލިލާފައި އޮތް ރަސްކަމެއްގެ ވެރިކަމެއްކަމަށް ހީވެއެވެ.
އެގޮތުން ނިމިދިޔަ ހަފްތާގައިވެސް އެފަދަ މަންޒަރެއް ފެނިގެން ދިޔައެވެ. އަދި އަނެއްކާ މިއަދުވެސް އެފަދަ މަންޒަރެއް ފެނުނެވެ. ކޮންމެ އަކަސް ނިމިދިޔަ ހަފްތާގެ އެ މަންޒަރަށް ނަޒަރެއް ހިނގާލާނަމެވެ.
ފިރިމީހާ އާއެކު އޮފީހަށް އަންނަން ގެއިން ނުކުތީ ރަމަޟާން މަހަށް ތައްޔާރުކުރާ ޕްރޮގްރާމެއްގެ ބައެއް މެޓީރިއަލްސްތައް ތައްޔާރުކުރުމަށެވެ. ނަމަވެސް ވަކި ހިސާބަކަށް އާދެވުނުތަނާހެން މަޖީދީ މަގު ތޮއްޖެހި ބާރު ބޮޑުވުމުން ރަށްދެބައި މަގުން އަޅައިގެން ދިޔައި އަވަސްވާނެއޭ ހިތާއެވެ. ނަމަވެސް އެހެންނެއް ވެސް އެކަމެއް ނުވިއެވެ. ސަލްޓަން ޕާކު ނުވަތަ ރަސްގެފާނުގެ ދަރުބާރުގައި ހަފްލާއެއް ނިކަން ކުލަ ކުލައިގެ ބޮކިތަކާ އެކު ކުރިއަށް ދާން ތައްޔާރުވެފައި އޮތެވެ.
ފިރިމީހާ ކައިރީ މިރޭ މިތަނުގައި ކޮންކަމެއްތޯ އޮތީ އަހާލެވުނީވެސް ނުހަނދާނެއްގައެވެ. އެގޮތުން އެރެއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަހާ ފޯރަމްގެ ފުރަތަމަ ސެޝަން އެ ދަރުބާރުގައި އޮތް ރޭ ކަން ހަނދާން ނެތުނީއެވެ.
ކޮންމެ އަކަސް އޮފީހަށް އައިސް ކޮންމެވެސް ވަރަކަށް އަހާ ފޯރަމްގެ ކަންކަން ބަލާލީމެވެ. ފެނިގެން ދިޔައީ މުޅިންވެސް ރައްޔިތުންގެ އާދޭސްތަކެވެ. ރައީސް މީހާ ގޮނޑީގައި އިންނަވާ ޖަވާބުތަކެއް ދެއްވައެވެ. ކޮންމެ ޖަވާބެއްވެސް ނިންމަވާލައްވަމުން ވިދާޅުވަނީ އަޅުގަޑު ތިކަން ނިކަން ގާތުން ބަލާނަމޭއެވެ.
މިހާ ހިސާބުން ހިތަށް ސިފަވެގެން ދިޔައީ މީގެ 66 ވަރަކަށް އަހަރު ކުރިއެވެ. ރަސްރަސްކަލުންގެ ވެރިކަން އޮތް ޒަމާނުގައި ހަގީގަތުގައިވެސް ސަލްޓަން ޕާކު ހުރި ތަނަކީ އެފަދަ ދަރުބާރުތައް ބޭއްވުނު ތަނެއްކަން ތާރީޚު ހެކިދެއެވެ. އެ ދަރުބާރުތަކުގައި ރައްޔިތުން ރަސްގެފާނު އަރިހު އާދޭސް ދަންނަވާ އެ ރައްޔިތުންގެ ކަންކަން ލުއި ފަސޭހަ ކޮށްދިނުމަށް އެދުނު ވާހަކަ ތާރީހުގައި ލިޔެވިފައިވެސް އެބަ ހުއްޓެވެ.
އެހެންކަމުން ދިވެހީންގެެ ރާއްޖޭގައި ރަސްކަމުގެ ކޮލިލާ ރަސްކަމެއްގެ މަލަމަތި ފެންނަން ފަށއިފިކަމުގެ އިހުސާސުކުރެވުނެވެ.
ރަސްރަސްކަލުންގެ ދަރުބާރަށް ބޭނުން ޖެހިފައިވާ މީހުންގެ ގެނެސް، ރަސްގެފާނު އަރިހު ކުރުނީސް ކޮށް، އާދޭސް ދަންނަވާ، ރަސްގެފާނުގެ ހެޔޮފޮޅުކަން ނިކަމެތި ރައްޔިތުންގެ މައްޗަށް އޮތް ކަން ދައްކައި، އެ ރައްޔިތުންގެ މުހުތާދުތައް ފިއްލުވައި، ވެރިކަން ކުރި ޒަމާން މާޒީވެ ދިޔައީކަމަށް ދެކިގެން ތިއްބާ އެފަދަ މަންޒަރުތަކެއް ބަވަނަވެފައި ދުނިޔެއެއްގައި އަމުދުން ދިވެހީންގެ ރާއްޖޭގައި ފެނިގެން ހިނގައިދާނެކަމަށް އުއްމީދުވެސް ނުކޮށް ތިއްބާ މި ފެނުނީ އެފަދަ މަންޒަރު ތަކެކެވެ.
ވަޒީރު ސާހިބުންނާއި، ވެރިކަމުގެ ކޮއިލުގައި ނަންކިޔާ މޫރިތި މަޤާމުތަކުން ޝާހީކަން ލިބިވަޑައިގެން ތިއްބެވި ވެރިން ރަސްގެފާނު ވަށާލައިގެން ތިބި މަނާޒިރެކެވެ. ދެންތިބީ ނިކަމެތީންގެ ގޮތުގައި ދެއްކުމަށް އެވެރީން، ގެނެސް އަރިހުގައި ބަހައްޓައިގެން ތިބި މަދު ބައެކެވެ. ރަސްގެފާނުގެ ހެޔޮފުޅުކަމާ ދީލަތި ބަސްތަކުން ރައްޔިތުންގެ ހިތްހަމަ ޖެއްސުމަށް ދަރުބާރުގެ މެހެފިލު އޮތީ ތައްޔާރަށެވެ.
ބަންޑާރަ ނައިބު، ރަސްގެފާނު އަރިހުގައި ކުރުނީސްކޮށް، ނިކަން ރީތި ކޮށް ރުކޫއަށް ވަޑައިގަންނަވާ ތަނާއި، ރަސްގެފާނަށް ހާއްސަ ތަހުތުކޮޅުގައި އިންނަވާ ތަނާއި، ރަސްގެފާނު ބަސް ބުނަންވާ ވަގުތު ހާމަ ކޮށްދޭން އަރިހުގައި ދަރުބާރުގައި އިސް ކަހީނަކުހެން މީހަކު އިންނެވިތަން ފެނުނެވެ.
ކުރުކޮށް ފޮނިކޮށް ދަންނަވަނީ ނަމަ އަޅުގަޑަށް ސިފަވެގެން ދިޔައީ މީގެ 66 އަހަރު ކުރީގެ މަންޒަރުތަކެއް ކުލަކޮށް ބަލާލުމުގެ ފުރުސަތު ލިބިގެން ދިޔުމުގެ ގޮތުގައެވެ.
ގައުމުގައި ހައްލުކުރަން ޖެހޭ ބޮޑެތި މައްސަލަތައް ހުއްޓާ ރަސްކަލަކު ކަން ކުރައްވާ ބީދައިން ބޮޑެތި ދަރުބާރުތައް ބާއްވައިގެން ރޭގަނޑުގެ ވަގުތުތަކުގައި ރައްޔިތުން ދަމާ ކޫއްތާ އެތަނަށް ގެންގޮސް ސުވާލުކުރުވާ ރަސްގެފާނުގެ އިހްސާންތެރި ޖަވާބުތަކުގެ ގޮތުގައި ޖަވާބުތަކެއް އާންމުކުރެއްވުމަށް ވުރެ މާމުހިއްމު ކަންކަން ގައުމުގައި މިއަދު އެބަހުއްޓެވެ. އިގްތިސޯދެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތެވެ. ބޯހިޔާވަހިކަމެވެ. ބޭސް ފަރުވާ އާ ސިއްހީ ނިޒާމެވެ. ކާބޯތަކެއްޗާ އެތަކެތީގެ އަގެވެ.
އިޤްތިސޯދީ ގޮތުން، ޤައުމަށް ނަފާވާ މަޝްރޫޢުތައް ހިންގައި ، ކުރިއަރާ ދިއުމަށް ހެޔޮ ފުރުޞަތުތައް ރައްޔިތުންނަށް ހުޅުވާލަ ދީގެން ޤައުމު ތަރައްޤީކޮށް، ބަދަހި އެކުވެރި ޚާރިޖީ ސިޔާސަތަކުން ރާއްޖެއަށް މަންފާ ހޯދާ ދިނުމުގެ ބަދަލުގައި ރަސްކަލެއް ކަމަށް ހެދިގެން ރައްޔިތުން މޮޔަ ހެއްދުމަށް ދަރުބާރު ހަދައި ޒާތްޒާތަށް އުޅުއްވީމާ، ވެރިކަން ފާލުން ނެއްޓި ވެއްޓިދާނެއެވެ.