

މުއިއްޒުގެ ސަރުކާރުން މީޑިޔާ ކޮންޓްރޯލް ކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް އަނބުރާ ގެންދިޔުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.
'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު'ގެ ނަމުގައި މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، އަމިއްލަ ގޮތުން މަޖިލީހުގައި އިންނަވާ ނަމަވެސް ސަރުކާރަށް ތާއީދުކުރައްވައިގެން ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނަށް އައިއެފްޖޭއިން ވަނީ ތާއިދުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އައިއެފްޖޭން ބުނިީ މިޑިއާ ރެގިއުލޭޓް ކުރުމުގެ މިފަދަ ބިލެއް ހުށަހަޅަން ވާނީ މި ދާއިރާގެ ފަރާތްތަކުގެ ހިޔާލާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ކަމަށެވެ.
އެގޮތަށް ނޫސްވެރިން އަދި ޖަމިއްޔާތަކުގެ މަޝްވަރާއެއް ނެތި މިފަދަ ބިލެއް ހުށަހެޅުމުން ކަންބޮޑުވާކަމަށާއި މިގޮތަށް ކަންތައް ކުރުމުގެ ނަތީޖާއަކީ މިފަދަ ރެގިއުލޭޓަރީ ކޮމިޝަނެއް އުފައްދާއިރު، އޭގެ މަގްސަދު ކަމަށްވާ ނޫސްވެރިކަން ހަރުދަނާކޮށް ޑިމޮކްރަސީ އާއި ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރުމުގެ އަސާސީ ހަމަ ގެއްލުންކަމަށް އެ ބަޔާނުގައި އައިއެފްޖޭއިން ފާހަގަކޮށްފައެވެ.
އައިއެފްޖޭގެ ބަޔާނުގައި ބިލާ ގުޅޭ ގޮތުން އެމްޖޭއޭން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަން ވެސް ހިމަނާފައިވެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް ފުޅާކުރާނެކަމުގެ ވައުދާއެކު އައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެކި ގޮތްގޮތުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރެވޭތޯއެވެ.