
ޚަރަދު ބޮޑުކަމަށް ބުނެ އަތޮޅު ކައިންސިލް އުވާލަން ނިންމާއިރު މުއިއްޒު ހިތުހުރި ވަރަކަށް ވަޒީފާދެވޭ ކަމަށް ބުނެ ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވާ ޑރ މުހައްމަދު ޖަމީލް ފާޑުވިދާޅުވެއްޖެއެވެ.
ޚަރަދު ކުޑަ ކުރުމުގެ ނަމުގައި އަތޮޅު ކައުންސިލްތައް އުވާލުމަށް މުއިއްޒު ނިންމަވާފައިވާއިރު އިންތިޚާބުތަކާއި ދިމާކޮށް ހާހުން ވަޒީފާތައް ބަހާ މުއިއްޒު ދަނީ ދައުލަތުގެ ބަޖެޓް އަމިއްލަ ބޭންކް އެކައުންޓްެހެން ހުސްކުރަމުންނެވެ.
މީގެ އިތުރުން، ފެނަކަ، އާރްޑީސީ އަދި އެމްޓީސީ ފަދަ ކުންފުނިތަކުގައި ވަންނާނެ އިމާރާތެއް، އިށީންނާނެ ގޮނޑިއެއް ހާ ހިސާބު ނެތް އިރުވެސް މި ކުންފުނިތަކަށް ހުސް ނުވާ ވަރަށް މީހުން ވަޒީފާއަށް ނަގަމުން އަންނަ ކަމަށް ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ޚަރަދު ކުޑަކޮށް، ގައުމު އޮތް އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް މުއިއްޒު ގެންގުޅުއްވާ މާސްޓަރ ޕްލޭން އަކީ މިއީތޯ ޖަމީލްގެ ވަނީ ސުވާލު އުފައްދަވާފައެވެ.
މިއާއި އެކު މިއީ އަމިއްލަ އެޖެންޑާތައް ފަހަތުގައި ރާވައި ސަރުކާރުން ކުރަމުންދާ ބޭކާރު ޚަރަދުތައް ކަމަށާއި އަތޮޅު ކައުންސިލްތައް އުވާލާ މުއިއްޒުގެ މުށު ތެރެއަށް ހުރިހާ ބާރެއް ލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޖަމީލް ސިފަކުރެއްވިއެވެ.
މި ސަރުކާރަށް މިހާރު ރައްޔިތުން ބޮޑު ތަނުން "ނޯ" ޖަހައިފައިވާތީ ރައްޔިތުންގެ ހުރިހާ ބާރެއް ކަނޑުވާލަން މުއިއްޒު އަންނަނީ ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންކަން ފާހަގަކުރެވެއެވެ.










