March 20, 2026
Advertisement
.
. / ސޯޝަލް މީޑިއާ

މީޑިޔާ ކޮންޓްރޯލް ކުރާ ބިލް ބޭރުކުރުމަށް ސީޕީޖޭ އިން ވެސް މުއިއްޒަށް ގޮވާލައިފި

Aishath Naja
އައިޝަތު ނަޖާ
Aug 22, 2025, 02:56 PM

މީޑިޔާތަކުގެ ބާރު ކުޑަކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު މަޖިލީހުން ބޭރުކުރުމަށް، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައިފި އެވެ.

Advertisement

ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ސީޕީޖޭގެ އޭޝިއާ ޕްރޮގްރާމުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް އައްޔަންކުރައްވާ ބޭފުޅުންނާ އެކު އާ ކޮމިޝަނެއް އުފައްދައި، މީޑިއާތައް ޖޫރިމަނާކުރުމާއި ސަސްޕެންޑްކުރުމުގެ ބާރުދީ، ބޭނުންހާ ގޮތެއް މީޑިއާތަކަށް ހެދޭ ގޮތަށް އޮތް މި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމަށް ވެސް ނުރައްކާވާނެ ކަމެއް ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ދަމަހައްޓަވައި، މި ބިލު މަޖިލީހުން ބޭރުކުރާނެކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ވެސް މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅި ދެވަނަ ފަހަރުކަން ފާހަގަކޮށް ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި އަދި ސަރުކާރުގެ ފުރިހަމަ ނުފޫޒު މީޑިއާތަކަށް ފޯރުވޭ ގޮތަށް ފަރުމާކޮށްފައިވާ މި ބިލު މަޖިލީހުން ބޭރުކުރަން ރައީސް މުއިއްޒަށް ވަނީ އެ އިދާރާއިން ގޮވާލާފައެވެ.

ސީޕީޖޭއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު ބިލު މަޖިލީހުން ބޭރުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް ވަނީ ގޮވާލާފައެވެ.

އެމްއެމްސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މުޅި ބިލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. އަދި މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށާއި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް ބިލުގައި ހިމަނާފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅި މި ބިލުގައި މީޑިއާތައް 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި ނޫސްވެރިން 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ. އަދި ލައިސަންސާއި ރަޖިސްޓްރީ ހިފެހެއްޓުމާއި ބާތިލް ކުރުމުގެ އިތުރުން، ދެ މުއައްސަސާ އެއްކޮށްލައި ހަދާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން އެހެން ގާނޫނަކުން މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ ބާރުވެސް ދީފައި ވެއެވެ.

ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން ދޭނެކަމުގެ ވައުދާއެކު ވެރިކަމަށް އައުމަށްފަހު އެކި އެކި ގޮތްގޮތުން ނޫސްވެރިންގެ އަނގަ މަތީ ޓޭޕު އެޅުވުމަށް ޕީއެންސީގެ ސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved