

ކުންފުނިތައް މެއިންޓެއިންކުރާނެ އުސޫލެއް ނެތި ހުރިހާ ކުންފުނިތަކެއް ބޭނުން ކެނޑިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އިސް ނަންގަވައިގެން އުފެއްދެވި ޕާޓީ ޕީއެންއެފްއިން ރޭ އާޓިފިޝަަލް ބީޗުގައި ބޭއްވި "ވޭކް އަޕް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ، ދައުލަތުގެ ކުންފުނިތަކުގެ ހިންގުމާ މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ހުރިހާ ކުންފުނިތައް "ތޮށިގަނޑަކަށް" ހަދާލައިފި ކަމަށާއި، ކުންފުނިތައް މިއަދު އޮތީ "މާޔޫސްވެފައި" ކަމަށެވެ.
ކުނި މެނޭޖްކުރާ ކުންފުނި ވެމްކޯ ފަތުރުވެރިކަމުގެ ސިނާއަތަށް ވަންނަން މަސައްކަތްކުރަމުންދާ ކަމަށާއި، މައި އެއާޕޯޓުގެ ބެލެނިވެރި ކުންފުނި އެމްއޭސީއެލުން ރަށްރަށުގައި ޖިމްތައް ހިންގަން ފަށައިފި ކަމަށެވެ. އެއާއެކު، މަގުހަދާ ކުންފުނި އާރުޑީސީއަކީ އެއްވެސް ފައިސާއެއް ނެތްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިހާރު ރިޓަޔާޑް ޖެނެރަލުން ނޫނީ އެއްވެސް ކަމެއް ކުރާކަށް ކަމަކުނުދޭ، އޯތޮޕެޑިކްސް ޑިޕާޓްމަންޓް ހެޑްކުރަނީވެސް ރިޓަޔާޑް ޖެނެރަލެއް، އަލީ ޒުހައިރުމެންގެ ހިތްޕުޅަށް ހަމަ އެއްޗެއް ވެސް ނާރާ އިނގޭތޯ، އެ ތަނުގަ ކެޕިޓަލެއް ނެތް، ލާރިއެއް ނެތް، އެކަމަކު ރާއްޖޭގައި ހުރި އެންމެ ބޮޑެތި މަސައްކަތް ކުރަން ހަވާލުކުރަނީ އެ ތަނާ. އެހެންވެ މި ދަންނަވަނީ ކުންފުނިތަކުގެ ތްރެޑު ކެނޑިއްޖެއޭ، ހެޑަށް އޮޅިއްޖެއޭ
މީގެ އިތުރުން މިއަދު ރަނގަޅަށް ހިނގަނީ ކޮން މުއައްސަސާއެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. އެމަނިކުފާނު ވިދާޅުވީ، ފައިސާ އާއި ކޮރަޕްޝަންގެ އެކި ތުހުމަތުތައް ކުރާއިރު އެ ތުހުމަތުތައް ތަހުގީގުކުރަން ފުލުހުންނަށާއި އޭސީސީއަށް ޕްރޮސެކިއުޓަރު ޖެނެރަލް އަންގަން ޖެހޭ ކަމަށެވެ.