
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް މުޝީރު އަބްދުއް ރަހީމު އަބްދުﷲގެ މިސާލަކީ އިބްނި މަލްޖަމްގެ މިސާލު ކަމަށް ވިދާޅުވެ ރައީށް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ނުރުހުން އަމާޒުކުރައްވައިފިއެވެ.
ރައީސް ޔާމީންއާ މެދު ސަރުކާރު ލިބުމުން ވެރިން ކަންތައްކުރި ގޮތަށް އިޝާރާތްކުރައްވާ ޑރ. ޖަމީލު އެކސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިބްނި މަލްޖަމް ވިހަ ކަނޑިއަކުން ޢަލީ ރަޟިޔަﷲ އަންޙާ ޝަހީދުކޮށްލި ކަމަށެވެ. ހަމަ އެ އުސޫލުން އަދުރޭއަކީ ރައީސް ޔާމީން ގެކޮޅަށް ވަދެ އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅާގެ ގޮތުގައި ހުންނެވުމަށް ފަހު ސަރުކާރު ބަދަލުވުމާ އެކު ދަނޑިވަޅު ބަލާ އެމަނިކުފާނަށް އަނިޔާވެރިވެ ޕީޕީއެމް ޖަހައިގަނެ ރައީސް ޔާމީންގެ ބުރަކަށިފުޅަށް ސިޔާސީ ގޮތުން ވަޅި ހެރި މީހާ ކަމަށްވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި "އަދުރޭ ނޫން" ގޮތެއް ހޯދަން ޖެހޭ ކަމަށާ އަދުރޭއާ އޭނާގެ ރަހްމަތްތެރިންނަށް ރައީސް ޔާމީންއާ އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ތާއީދު ނޯންނާނެ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
ޑރ. ޖަމީލުގެ ނުރުހުން މިފަދައިން އަދުރޭއަށް އަމާޒުކުރައްވާފައިވާއިރު، މި ސަރުކާރު ގެންނަން ރައީސް ޔާމީން ނުހަނު ބޮޑޫ ގުރުބާނީއެއް ވެވަޑައިގެންނެވިއިރު އެމަނިކުފާނު މިނިވަން ކުރަން މި ސަރުކާރަށް ނުކެރިގެން އުޅެނީ އަޑުތައް ފެތުރިފައިވާ ގޮތުގައި ރައީސް އޮފީސް ތެރެއިން އަދުރޭ އާ އިގުބާލު އަދި އަލީ އާރިފުމެން ފަދަ ނުފޫޒު ގަދަ ވަޒީރުންގެ ނުފޫޒުންގެ ސަބަބުން ކަމަށެވެ.










